Last Updated: May 3, 10:18
Friday, May 3, 2024
ކުޅިވަރު

ސިޓީ އާއި ލިވަޕޫލްގެ މެޗު އެއްވަރުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި މެޗު އެއްވަރުވުމުން ގޯލުގެ ތަފާތުން ކުރި ހޯދައިގެން ލީގުގެ އެއްވަނައިގައި މިހާރު އޮތީ އާސެނަލް އެވެ. އާސެނަލަށް 28 މެޗުން 64 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ލިވަޕޫލަށް ވެސް އެ އަދަދަށް ވަނީ ޕޮއިންޓު ލިބިފަ އެވެ. އާސެނަލަށް ކުރި ލިބެނީ ފައިދާ ހަތް ގޯލުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ސިޓީ އަށް ވަނީ 28 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސިޓީންނެވެ. މިއީ މެޗުގެ 23 ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ނެގި ކޯނަރަކުން ސްޓޯންސް ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ލިވަޕޫލަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން ޑޮމިނިކް ސޮބޮސްލާއި ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވެ ބޭރަށް ދިޔައިރު ލުއިސް ޑިއާޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ލިވަޕޫލުން ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން އަލެކްސިސް މެކް އަލިސްޓާ ޖެހި ގޯލުންނެވެ. މިއީ ޑާވިން ނުނޭޒް އަށް ސިޓީގެ ގޯލްކީޕަރު އެޑަސަން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މެޗުން މޮޅުވާން ދެ ޓީމަށް ވެސް ފުރުސަތުތަކެއް ލިބިފައިވާއިރު، ލިވަޕޫލް މެޗުން މޮޅުކޮށްދޭން ޑިއާޒަށް ލިބުނު ހުސް ދެ ފުރުސަތުގައި ވެސް އޭނާ އަށް ބޯޅަ ގޯލާ އަމާޒުކޮށްލެވޭ ގޮތް ވަނީ ނުވެފަ އެވެ. ސިޓީން ދެވަނަ ހާފުގައި ކުޅެން އެރި ޖެރެމީ ޑޮކޫ ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ސިޓީގެ ޑޯކޫ ބޯޅައިގައި ޖަހަން އުޅުމުގެ ތެރޭގައި ލިވަޕޫލްގެ މެކް އަލިސްޓާ މޭމަތީގައި ފައިން ޖެހިފައިވާއިރު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމާފަ އެވެ. މެޗަށްފަހު އެ ނިންމުމާ މެދު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.