އަގްސާ މިސްކިތުގައި ރޭ ތަރާވީހު ނަމާދަށް ދިޔަ މުސްލިމުންގެ ތެރެއިން 40 އަހަރުން ދަށުގެ މީހުންނަށް މިސްކިތަށް ނުވަދެވޭނެ ކަމަށް އިޒްރޭލުން އަންގައިފި އެވެ.
ފަލަސްތީނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޯދަ މަސް ފެށުމުގެ ގޮތުން ތަރާވީހު ނަމާދު ކުރުމަށް ރޭ އަގްސާ މިސްކިތަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކަށް އިޒްރޭލުން ސިފައިން ވަނީ ހުރަސް އަޅައި، މިސްކިތަށް ވަނުން މަނާކޮށްފަ އެވެ. އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް ވަނުމަށް ހުއްދަ ދީފައިވަނީ ހަމައެކަނި 40 އަހަރުން މަތީގެ އަންހެނުންނަށް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
އަގްސާ މިސްކިތަށް ވަނުމަށް އިޒްރޭލު ސިފައިން ހުރަސް އެޅުމުން ގިނަ ބަޔަކު ވަނީ އަގްސާ މިސްކިތް ހުންނަ ސަރަހައްދުގެ މަގުތައް މަތީގައި ތަރާވީހު ނަމާދުކޮށްފަ އެވެ.
އިޒްރޭލުން ކޮންމެ ރޯދަ މަހަކާ ދިމާކޮށް އަގްސާ މިސްކިތް ބަންދުކޮށް ނުވަތަ އެ ސަރަހައްދުގައި ރޭ އަޅުކަމުގައި ތިބޭ ފަރާތްތަކަށް ތަފާތު އެކި ގޮތްގޮތުން ދުއްތުރާތައް ކުރަމުންދެ އެވެ. އަދި ރޯދަމަސް ނޫން މަސްމަހުގައި ވެސް އިޒްރޭލު ސިފައިންގެ އުނދަގޫ އަގްސާ މިސްކިތުގައި ތިބޭ ފަލަސްތީން މީހުންނަށް ފޯރަ އެވެ.
އިޒްރޭލުން ފަލަސްތީނަށް މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމަލާތައް ދެމުންދާއިރު، މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން 31،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. ރޯދަ އަށް ހަނގުރާމަ މެދުކަނޑާލުމުގެ މަޝްވަރާތަކެއް ކުރި ނަމަވެސް އެ މަޝްވަރާތައް ކޮޅެއްގައި ޖެހިފައެއް ނުވެ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.