Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

މަހާ ޖައްރާފު ދެ މަހުން އަލުން އޮޕަރޭޝަނަށް

އެމްޓީސީސީގެ މަހާޖައްރާފު - ފޮޓޯ: އެމްޓީސީސީ

މިދިޔަ 2022 ވަނަ އަހަރު ޖޫން މަހު މައްސަލައެއް ދިމާވެގެން އޮޕަރޭޝަން ހުއްޓުމަކަށް ގޮސްފައިވާ މަހާ ޖައްރާފު ދެ މަސް ތެރޭ އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް، އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިކަން ހާމަކޮށް ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ، މަހާ ޖައްރާފު 8 ޖޫން 2022 އިން ފެށިގެން އޮތީ ގްރައުންޑް ވެފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ކުރީގެ މެނޭޖްމެންޓުން ޝެޑިއުލް މެއިންޓެނެންސް ކުރިއަށް ނުގެންދިއުމާއި ބަލަން ޖެހޭ ވަރަށް ނުބެލުން ކަމުގައި އެމްޓީސީސީން ބުނެއެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހު 16 ވަނަ ދުވަހު މަހާ ޖައްރާފު އޮޕަރޭޝަނަށް އަލުން ނެރެފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޖައްރާފު އޮޕަރޭޝަން ހުއްޓިފައިވާ އޮންނަތާ 571 ދުވަސް މުޅިއަކު ވެގެން ދިޔައިރު ކުންފުންޏަށް މިކަމުގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. އަދި މަހާ ޖައްރާފު އޮޕަރޭޝަނަށް ނުގެނެސް އޮތް މުއްދަތުގައި ހިންގުމުގެ ޙަރަދަށް 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަ ވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ބޭރުން ޑްރެޖަރެއް ގެނެސް ބައެއް ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަން މަޖުބޫރުވުމުން މި ބާވަތުގެ މަޝްރޫޢުތަކުން ލިބޭ އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ. އެކުންފުނިން ހާމަކުރި ގޮތުގައި ކުންފުނީގެ ޕްރޮޖެކްޓްސް ސެކްޝަނުގެ ތިން ބައި ކުޅަ އެއްބައި އާމްދަނީ ބިން ހިއްކުމުގެ މަޝްރޫޢުތަކުން ލިބޭ އާމްދަނީއެވެ. މިއާއެކު އެމްޓީސީސީން ބުނި ގޮތުގައި މުޅިއަކު 510 މިލިއަން މިގޮތަށް ކުންފުނީގެ އާމްދަނީ މިކަމުގެ ސަބަބުން މި މުއްދަތުގައި ވަނީ ގެއްލިފައެވެ.

މިއާއެކު އައު މެނޭޖްމެންޓުން ހަވާލުވެ އެންމެ ބޮޑު އިސްކަމެއް ދިނީ މަހާ ޖައްރާފު އޮޕަރޭޝަނަށް ގެނައުމަށް ކަމަށް އެމްޓީސީސީން ބުނެއެވެ. މިގޮތުން 2 މަހުގެ ތެރޭ އަލުން ޖައްރާފު އޮޕަރޭޝަނަށް ގެނެސް މިހާރު އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫޢުގައި ބޭނުން ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.