Last Updated: April 27, 22:41
Saturday, April 27, 2024
ރިޕޯޓް

ނަމާދުގައި ހެދޭ ކުށްތައް

މުސްލިމުންގެ މައްޗަށް ވާޖިބުކޮށްފައިވާ އަޅުކަންތަކުގެ ތެރެއިން އެންމެ އިސްކަން ދޭމް ޖެހޭ އަޅުކަމަކީ ނަމާދެވެ. ދުވާލެއްގެ މައްޗަށް ފަސް ނަމާދު ވާޖިބުވެގެންވާ އިރު، މި ނަމާދުތަކަށް ފަރުވާތެރިވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ތިމާކުރާ ހެޔޮ ހުރިހާ އަމަލެއް ބިނާވެގެން ވަނީ ނަމާދުގެ މައްޗަށް ކަމަށްވާތީ، މި އަޅުމަކީ އެ އަދާކުރަން އަންގާފައިވާ ގޮތަށް ކުރަން ޖެހޭ އަޅުކަމެވެ.

ނަމަދަކީ އިންސާނީ އޭނަ ހެއްދެވި ފަރާތާ އެންމެ ބޮޑަށް ކުއްތަންކޮށްދޭ އަޅުކަމަށްވާތީ ނަމާދުގެ ހުރިހާ ރުކުނަކަށް ވެސް ފަރުވާތެރިވާން ޖެހެ އެވެ. ނަމާދަށް ހުންނަ އިރު، ތިމާ އަށް މި ކުރެވެނީ ކީއްކަމާއި ތިމާ މި ހުރީ ﷲ ގެ ހަޟުޒަރުގައި ހުއްޓިގެންކަން ހިތަށް ގެނެސް ބިރުވެރިވާން ޖެހެ އެވެ.

އެހެންވެ ނަމާދުގައި ކުށްތައް ނުހެދުމަށާއި ނަމާދު ވީހާ ވެސް ފުރިހަމަކޮށް، ރަނގަޅަށް ކުރުމަށް ސަމާލުކަން ދޭނެ ޖެހެ އެވެ. އެގޮތުން ނަމާދުގައި ހެދޭ މުހިއްމު ބައެއް ކުށްތައް ލިސްޓްކޮށްދޭ ނަމެވެ.

* ނަމާދުގައި ހެދޭ ކުށްތައް (1)

ދުލުން ނިޔަތް ކިޔުން. މިޘާލަކަށް މިފަދައިން ކިޔުން
(نويت ان أصلي الظهر أربع ركعات أداء لله تعلى).
ނިޔަތުގެ މަޙައްލަކީ ހިތް.
ދުލުން ނިޔަތް ކިޔުމަކީ ޘާބިތުކަމެއް ނޫން. އަދި ކިއެއްތަ އެއީ ބިދުޢައެއް.
ނަމާދަށް ހުއްޓިހުރެ ކުރަން ޤަސްދުކުރާ ނަމާދު ހިތްމައްޗަށް ގެނައުމުން ނިޔަތްގަނެވުނީ

‏* ނަމާދުގައި ހެދޭ ކުށްތައް (2)

ސަފުހެދުމުގައި ފަރުވާކުޑަކުރުން (ސަފު ސީދާނުކުރުން، ދެމީހުންގެ ދެމެދަށް ހުސްޖާގަ ދޫކުރުން، އެއްސަފު ފުރިހަމަ ނުވަނީސް އަނެއް ސަފު ހެދުން، ސަފުގެ އެއްފަރާތަށް އެންމެން އެރުން، ޟަރޫރަތެއް ނެތި ތަނބު ދޭތެރޭ ސަފު ހެދުން،…..)
ސަފުހެދުމުގެ ބައެއް މައްސަލަތަކަކީ ނަމާދު ބާތިލްވާނެ ކަންކަން
އަނެއް ބައި މައްސަލަތަކަކީ ނަމާދުގެ ޘަވާބު އުނިވާނެ ކަންކަން

* ‏ނަމާދުގައި ހެދޭ ކުށްތައް (3)

ނަމާދުގެ އެކި މަޤާމުތަކުގައި (ތަކްބީރަތުލް އިޙްރާމު ކިޔާއިރު، ރުކޫޢަށް ދަމުން، ރުކޫޢިން ތެދުވަމުން، ތިންވަނަ ރަކްޢަތަށް ތެދުވަމުން) ދެއަތްތިލަ އުފުލުމުގައި ހެދޭ ކުށްތައް (ދެއަތްތިލަ ކޮނޑާއި ހަމައަށް ނުވަތަ ކަންފަތާއި ހަމައަށް ނުއުފުލުން، ދެއަތްތިލައިގެ ބަނޑުފުށް ޤިބްލައަށް ކުރިމަތި ނުކުރުން، އިނގިލިތައް ފޭކޮށްފައި ބެހެއްޓުން، އިނގިލިތައް ލަންބާފައި ބެހެއްޓުން)

* ނަމާދުގައި ހެދޭ ކުށްތައް (4)

ނަމާދުގައި ކިޔަވާތަކެތި ހިތުން ކިޔެވުން.
ނަމާދުގައި ކިޔަވާ ޤުރުއާނާއި، ތަކްބީރުތަކާއި، ޒިކުރުތަކާއި، ދުޢާތައް ކިޔަންޖެހޭނޭ ދޫޙަރަކާތްކޮށްގެންނެވެ. ހިތުން ކިޔައިގެން ނަމާދު ސައްޙައެއް ނުވާނެއެވެ.

* ނަމާދުގައި ހެދޭ ކުށްތައް (5)

ނަމާދުގެ ރުކުންތަކެއް ފާއިތުވާފަހުން ޖަމާޢަތުގައި ބައިވެރިވާ މީހާ ތަކްބީރަތުލް އިޙްރާމު ނުކިޔައި ނަމާދުގައި ބައިވެރިވުން.
މިޘާލަކަށް: އިމާމާ ރުކޫޢުގައި ވަނިކޮށް ނަމާދުގައި ބައިވެރިވާމީހާ ތަކްބީިރަތުލް އިޙްރާމު ނުކިޔައި، ރުކޫޢަށްދާ އިންތިޤާލީ ތަކްބީރު ކިޔައި ރުކޫޢަށް ދިއުން.
ތަކްބީރަތުލް އިޙްރާމަކީ ނަމާދުގެ ރުކުނެއް. އަދި އެއީ ނަމާދަށް ވަދެގަންނަ ތަޅުދަނޑި. މިތަކްބީރު ނުކިޔައި ނަމާދު ސައްޙައެއް ނުވާނެ.
އިސްވެދިޔަ މިޘާލުގައިވާ ޙާލަތުގައި ފުރަތަމަ ނިޔަތްގަނެ ތަކްބީރަތުލް އިޙްރާމު ކިޔާނީއެވެ. އޭގެ ފަހުގައި އިންތިޤާލީ ތަކްބީރު ކިޔައި ރުކޫޢަށް ދާނީއެވެ.

* ނަމާދުގައި ހެދޭ ކުށްތައް (6)

ޖަހުރިއްޔަ ނަމާދުތަކުގައި ބާރަށް "އާމީން" ނުކިޔުން.
ސޫރަތުލް ފާތިޙާ ނިމުމުން އިމާމާއާއި މައުމޫމުންވެސް އެކު އެކީގައި ބާރަށް "އާމީން" ކިޔުމަކީ ސުންނަތްވެގެންވާ ކަމެއް.
މަލާއިކަތްބޭކަލުންވެސް "އާމީން" ވިދާޅުވާނެ. ހުރިހާ ބައެއްގެ "އާމީން" ކިޔުން ދިމާވެއްޖެނަމަ އެމީހެއްގެ އިސްވެދިޔަ ހުރިހާ ކުދި ފާފަތައް ފޮހެވިގެންދާނެ.
މުސްލިމުން އެމީހުންގެ ނަމާދުތަކުގައި ބާރަށް "އާމީން" ކިޔުމަކީ ޔަހޫދީން މުސްލިމުންނަށް ޙަސަދަވެރިވާ ކަމެއް.

* ނަމާދުގައި ހެދޭ ކުށްތައް (7)

ސޫރަތުލް ފާތިޙާއާއި ކީރިތި ޤުރުއާންގެ ސޫރަތްތައް ކިޔެވުމުގައި ލަޙުނު ޖަލީތައް (ބޮޑެތި ކުށްތައް) ކިޔުން.
ފިލި ސުކުންތައް ބަދަލުކުރުމާއި، އަކުރު ބަދަލުކުރުމާއި، އުނިއިތުރުކުރުންފަދަ ލަޙްނު ޖަލީތަކުން ސަލާމަތްވާ މިންވަރަށް ތަޖުވީދު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމްވެގެންވާކަމެކެވެ.

* ނަމާދުގައި ހެދޭ ކުށްތައް (8)

ނަމާދުގައި ދުރުހޯދުމާއި ބޭކާރު ޙަރަކާތްތައް ކުރުން.
ނަމާދުގައި ޙާޖަތެއް ނެތި ދުރުހޯދުމާއި ބޭކާރު ޙަރަކާތްކޮށް ހެދުމަކީ ޚުޝޫޢަތްތެރިކަން ގެއްލޭނެ މަކްރޫހަ ކަމެކެވެ. އަދި އެކަމުގައި ހައްދުފަހަނައަޅައި ގޮސްފިނަމަ ނަމާދު ބާތިލުވާނެއެވެ.
ޙާޖަތެއް ޖެހިގެން މިޘާލަކަށް ފޯން ރިންގު އޮފްކޮށްލުމަށް ނުވަތަ ސަފުން ހުސްވި ޖާގަ ފުރާލުމަށް ޙަރަކާތް ކުރުމަކީ މައްސަލައެއް ނޫނެވެ.

* ނަމާދުގައި ހެދޭ ކުށްތައް (9)

ސަފު ހަދާއިރު ކޮނޑާއި ކޮނޑު، ފަޔާއި ފައި ކައިރިކުރުމުގައި އަނެކާއަށް ދަތިވާގޮތަށް ޖައްސާ ފިއްތާލުން
ސަފު ހަދަންޖެހޭނީ ކޮނޑާއިކޮނޑު، ފަޔާއިފައި ބީހޭވަރަށް ކައިރިކޮށް، ޝައިތާނާއަށް ޖާގައެއް ނުދީ ބަދަހިކޮށެވެ. މިކަމުގައި ވިއްދާ ބާރުކޮށް ފިއްތާލުމެއް ނުވެއެވެ.

* ނަމާދުގައި ހެދޭ ކުށްތައް (10)

ދެމީހަކު ޖަމާޢަތް ހަދައިގެން ނަމާދުކުރާއިރު އިމާމާ ކުޑަތަންކޮޅެއް ކުރީގައި ހުރުން.
ރަނގަޅު ގޮތަކީ ދެމީހުންގެ ޖަމާޢަތުގެ އިމާމާއާއި މައުމޫމް އެއްހަމައެއްގައި ތިބުން.

* ނަމާދުގައި ހެދޭ ކުށްތައް (11)

މައުމޫމުން ސަފަށް އެރުން ލަސްކުރުން. (ޤަމަތްދީ ނިމި، އިމާމުމީހާ ތަކްބީރަތުލް އިޙްރާމް ކިޔާ، ނަމާދަށް ފަށައިގަންނައިރުވެސް އަދި ބައެއް މީހުން ސަފަށް ނާރާ ނުތެދުވެ ތިބޭ)
ނަމާދުފަދަ ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ ޢަމަލުތަކުގައި އަމުރުވެވިގެންވަަނީ އަވަސްވެގަތުމަށް. ކަންނެތްކަމާއި އެކީ ނަމާދަށް ތެދުވެގެން އައުމަކީ މުނާފިޤުންގެ ސިފައެއް

* ނަމާދުގައި ހެދޭ ކުށްތައް (12)

ފައިގެ އިނގިލިތަކުގެ ކޮޅުން ސަފު ސީދާކުރުން.
ފައިގެ އިނގިލިތަކުގެ ކޮޅުން އެއްވަރު ކުރީމާ ސަފު ސީދަލެއް ނުވާނެއެވެ. ސަފު ސީދާވާނީ ކޮޑާއި ފައިގެ ކުޑަހުޅާއި ފުންނާބުން އެއްވަރު ކުރީމައެވެ.

* ނަމާދުގައި ހެދޭ ކުށްތައް (13)

ހަށަންބަނުމުގައި ކަރާއި ކައިރީގައި ނުވަތަ ފޫޅުމަތީގައި ހަށަންބަނުން.
ސުންނަތް ގޮތަކީ މޭމަތީގައި ހަށަންބަނުމެވެ. މޭމަތީގައި ހަށަންބަންނަން ހަދައިގެން މާމަތީގައި ބަނުމަކީ ހައްދުފަހަނައަޅައި ދިއުމެވެ. އެއީ މަންޒަރުވެސް ޢައިބުވާނެ ކަމެކެވެ.

* ނަމާދުގައި ހެދޭ ކުށްތައް (14)

މައުމޫމުން ޖަހުރިއްޔަ ނަމާދުތަކުގައި (ބާރަށް ކިޔަވާ ނަމާދުތަކުގައި) ސޫރަތުލް ފާތިޙާ ނުކިޔެވުން.
ސޫރަތުލް ފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުނެކެވެ. ޖަހުރިއްޔަ ނަމާދުގައި އިމާމާގެ ސޫރަތުލް ފާތިޙާ ކިޔެވުމަކުން ނުފުދޭނެއެވެ. މައުމޫމުން ވެސް ކިޔަވަން ޖެހޭނެއެވެ.

* ނަމާދުގައި ހެދޭ ކުށްތައް (15)

އިމާމުމީހާ ރުކޫޢުގައި ވަނިކޮށް މިސްކިތަށް ވަންނަމީހާ، ރަކްޢަތް ހޯދުމުގެ ނިޔަތުގައި އިމާމުމީހާ ރުކޫޢިން ތެދުވުމުގެ ކުރިން ޖަމާޢަތާއި ބައިވެރިވުމަށް އަވަސްއަރުވާލާފައި ގޮސް ސަފަށްއެރުން.
މިފަދައިން ކަންތައްކުރުމަކީ ނަބިއްޔާ ﷺ ނަހީކުރައްވާފައިވާ ކަމެކެވެ. އެކަލޭގެފާނު އިރުޝާދު ދެއްވާފައިވަނީ ހަމަހިމޭންކަމާއި އެކީ ނަމާދަށް އައުމަށެވެ.

މި ލިޔުމުގެ ދެވަނަ ބައި މާދަމާ ގެނެސްދެވޭނެ އެވެ.

ނޯޓް: މައުލޫމާތު ޝެއިހް އަހުމަދު ރިމާޒް