ރޭ ބޭއްވި 96 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑް ވެސް ލިބުނު ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަންގެ "އޯޕަންހީމާ" އަށް ލިބިއްޖެ އެވެ.
މި ފިލްމު ވަނީ އޮސްކާގައި ޖުމްލަ ހަތް އެވޯޑެއް އުފުލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު އެކްޓަރު (ޝިލިއަން މާފީ)، އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ރޮބަޓް ޑައުނީ ޖޫނިއާ)، އެންމެ މޮޅު ސިނަމަޓޯގްރަފީ، މޮޅު އެޑިޓިން އަދި އެންމެ މޮޅު އޮރިޖިނަލް ސްކޯ އެވެ.
"އޯޕަންހީމާ" އަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި މޭސްތިރިއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާ ތިއަރެޓިކަލް ފިޒިސްޓް ޖޭ ރޮބަޓް އޯޕެންހީމާ އަށް ބިނާކޮށް ހެދި ފިލްމެކެވެ. ބައޮގްރަފިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "އޯޕަންހީމާ" އަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ.
ޖުމްލަ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 954.7 މިލިއަން ޑޮލަރު ލިބުނެވެ.
އޮސްކާގެ އުސްއަލިތައް:
* އެންމެ މޮޅު ބަތަލާ: އެމާ ސްޓޯން (ޕުއާ ތިންސްގްސް)
* އެންމެ މޮޅު ސަޕޯޓިން ބަތަލާ: ޑަ'ވިން ޖޯއި ރަންޑޯލްފް (ދަ ހޯލްޑޯވާސް)
* އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ: އެނަޓަމީ އޮފް އަ ފޯލް
* އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ: އެމެރިކަން ފިކްޝަން
* އެންމެ މޮޅު ލަވަ: ވަޓް ވޯޒް އައި މޭޑް ފޯ؟ (ބާބީ)
* އެންމެ މޮޅު ކޮސްޓިއުމް: ޕުއާ ތިންގްސް
* އެންމެ މޮޅު ސައުންޑް: ދަ ޒޯން އޮފް އިންޓަރެސްޓް
* އެންމެ މޮޅު ވީއެފްއެކްސް: ގޮޑްޒިއްލާ މައިނަސް ވަން
* އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު: ދަ ޒޯން އޮފް އިންޓަރެސްޓް އިނގިރޭސިވިލާތް
* އެންމެ މޮޅު އެނިމޭޓެޑް ފިލްމު: ދަ ބޯއި އެންޑް ދަ ހެރޯން
* އެންމެ މޮޅު ޑޮކިއުމަންޓަރީ ފީޗާ: 20 ޑޭސް އިން މެރިޕޯލް
އޮސްކާ އެވޯޑް ހޯސްޓްކުރީ މީގެ ކުރިން ވެސް މި އެވޯޑް ހަފުލާ ހޯސްޓްކޮށްފައިވާ ޖިމީ ކިމެލް އެވެ.