Last Updated: April 29, 22:11
Tuesday, April 30, 2024
ޚަބަރު

ކެމްޕޭން ކުރަން ވާނީ އާންމުންނަށް އުނދަގޫ ނުވާ ގޮތަށް

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ކެމްޕޭން ކުރާ އިރު، އާންމު ރައްޔިތުންނަށް އުނދަގޫ އަދި ދަތި ނުވާ ގޮތަށް އެކަން ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަން (އީސީ) އިން އެދިއްޖެ އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކެންޑިޑޭޓުން، އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނޭހެން، ކެމްޕެއިނަށް ބޭނުންކުރާ ތަކެތި ތަންތަނުގައި ހަރުކުރުމާއި، ހިއްޕުމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކެމްޕެއިނަށް ބޭނުންކުރާ ތަކެތި ޢާންމު ތަންތާނގައި ބެހެއްޓުމުގެ ހުއްދަ އަށް ކެންޑިޑޭޓުން އެދިވަޑައިގަތުމުން، ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުން، އިންސާފުވެރިކަމާއި، ހަމަހަމަކަމާއެކު ކެންޑިޑޭޓުންނަށް ދޭން ޖެހޭ ހުއްދަ ދިނުމަކީ ޤާނޫނުން ލާޒިމުކުރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނޭ އެއްވެސް ކަމެއް ނުހިނގާކަން މުއައްސަސާތަކުން ކަށަވަރު ކުރެއްވުމަށް ވެސް އެދިވޑައިގަންނަވާ ކަމަށެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބު ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 21 ގަ އެވެ. މި އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓަކު ވާދަކުރެ އެވެ.