އިންޑޮނީޝިއާގެ އެއާލައިނެއް ކަމަށްވާ ބަޓިކް އެއާގެ ދެ ޕައިލެޓަކު ދަތުރެއްގެ މަތީގައި ނިދި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ޖުމްލަ 153 މީހުންނާ އެކީ މި އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އިންޑޮނިއާގެ ސުލަވެސީން ވެރިރަށް ޖަކާޓާ އަށް އެއާބާސް އޭ320 ގެ ބޯޓެއްގައި ކުރި ދަތުރު މަތީގައި ފިރިހެން ދެ ޕައިލެޓުން ވަނީ 28 މިނިޓް ވަންދެން ނިދައިފަ އެވެ. އެއީ 29 އަހަރާއި 28 އަހަރުގެ ޕައިލެޓެކެވެ. މި ދެ މީހުން ދަތުރުވެރިންގެ ފުރާނަ އަށް ނުރައްކާވާ ވެދާނެ ފަދަ ގޮތަކަށް މަސައްކަތުގެ ތެރޭގައި އިހުމާލުވި މައްސަލަގައި ވަނީ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
މިކަމާ ގުޅިގެން ނުރައްކާތެރި އެއްވެސް ހާދިސާއެއް ހިނގައިފައެއް ނުވެ އެވެ. ނަމަވެސް ބޯޓްގެ ދަތުރުކުރި މިސްރާބަށް ކޮންމެވެސް ވަރެއްގެ ފުށުންއެރުންތަކެއް އެރި އެވެ.
ކޮކްޕިޓްގައި ނިދި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ އިރު، އެ މީހުން ނިދިކަން އެނގުނީ ޖަކާޓާ އެއާ ޓްރެފިކް ކޮންޓްރޯލުން ކުރި މުއާމަލާތްތަލެއް ވެސް އެއްވެސް އިޖާބައެއް ނުދިނުމުންނެވެ. ދަތުރުގެ ކެޕްޓަނަކަށް ހުރި ޕައިލެޓް ބުނީ އޭނަ ނިދީ ވަރަށް ބޮޑަށް ނިދި އަންނަން ފެށުމުން، ކޯ ޕައިލެޓާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު އޭނަ އަށް ނިދިފައި ހޭލެވުނު ކޯ-ޕައިލެޓް ވެސް އިނީ ނިދާފައި ކަމަށް ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އިންޑޮނީޝިއާގެ އެއާ ޓްރާންސްޕޯޓްގެ ވެރިޔާ އެމް ކްރިސްޓީ އެންޑާ މުރްނީ ވަނީ ބަޓިކް އެއާގެ ސަމާލުކަން މިކަމަށް ގެނެސް، އެއާލައިނުން މިފަދަ ކަންކަމަށް މިހާރަށް ވުރެ ބޮޑަށް ފަރުވާތެރިވުމަށް އަންގައިފަ އެވެ.
މިކަމާ ގުޅިގެން ބަޓިކް އެއާ އިން ބުނީ އެއާލައިނަކީ އަބަދު ވެސް ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭ އެއާލައިނެއް ކަމަށެވެ.