ކުރީ ސަރުކާރުން ޝެއިހު އާދަމް ނިޝާންގެ އަތުން ހިފެހެއްޓި ދީނީ ދަރުސް ދިނުމުގެ ހުއްދަ މި ސަރުކާރުން އަނބުރާ ދީފި އެވެ.
ނިޝާންގެ އަތުން ދީނީ ދަރުސް ދިނުމުގެ ހުއްދަ ކުރީ ސަރުކާރުން ހިފެހެއްޓީ މިދިޔަ އަހަރު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި އެއްވުމަށް ހިތްވަރު ދީފައިވާ ކަމަށް ބުނެ އެވެ.
ނިޝާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ސަރުކާރުން ހިފަހައްޓާފައިވާ ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ، މި ސަރުކާރުން އިއްޔެ އަލުން އަނބުރާ ދީފައިވާ ކަމަށެވެ.
"މި ފުރުސަތުގައި އިސްލާމިކް މިނިސްޓްރީއަށް، ވަކިން ހާއްސަކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ނިޝާން ވިދާޅުވި އެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ.