މާލެއިން އިއްޔަ އެކަނިވެސް 59 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.
ރޯދައާއި ދިމާކޮށް ގޭގެ ސާފުކޮށް މާލޭގެ މަގު މައްޗަށް ކުނި ނެރެފައިވާއިރު، މަގުތަކުގައި ކުނި ގިނަވުމުން އެކަމުގެ ޝަކުވާ ގިނަބަޔަކު އަންނަނީ ކުރަމުންނެވެ.
އެކަމާ ގުޅިގެން މާލެސިޓި ކައުންސިލުން އިއްޔަ ވަނީ މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އިއްޔަ އެކަނިވެސް މާލެއިން 59.6 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.
މާލެސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ މިދިޔަ 15 ދުވަސްތެރޭ 200 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު ކަމަށެވެ.
"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް. ދިރިއުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް." މޭޔަރު އާޒިމް ވިދާޅުވިއެވެ.
މިއަދު މާލޭ މަގުމަތިން ކުނި ނެގުނު އަދަދު
1.5 ޓަނުގެ 16 ޕިކަޕް
2 ޓަނުގެ 1 ޕިކަޕް
350 ޓަނުގެ 26 ޕިކަޕް
3.5 ޓަނުގެ 1 ޕިކަޕު
3 ޓަނުގެ 7 ޕިކަޕު pic.twitter.com/H5Wk44JBnP— Malé City Council (@MaleCitymv) March 10, 2024
މާލޭގެ މަގު މައްޗަށް ގިނަ އަދަދެއްގެ ކުނި ނެރެފައިހުރިއިރު މަގުތައް ސާފުނުކޮށް ހުރުމުން ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރުމުންނެވެ.
މާލެސިޓީ ކައުންސިލުން މަގުތައް ސާފުކުރުމުގެ މަސައްކަތް އިއްޔަ ފެށިއިރު، އަދިވެސް ބައެއް މަގުތަކުން ކުނިތައް އެއްކޮށް ސާފުނުކުރެވޭކަމަށް މައުލޫމާތުލިބެއެވެ.