ހަޤީޤަތެއް ނެތް ދޮގުވާހަކަތަކުން މުޖުތަމައު ކިލަނބު ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
1445 ވަނަ އަހަރުގެ ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވެފައިވަނީ، ރޯދަ މަހަކީ ހާއްސަ މައްސަރެއް ކަމަށާއި މި މަހު އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާ ކުރުން މުހިންމު ކަމަށެވެ. އެގޮތުން ސަރުކާރުން ރައްޔިތުންނަށް ހެޔޮ ފޯރުވަންވީ ކަމަށާއި ރައްޔިތުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވާ ކަމަށާއި އަދި ފޯރުންތެރީންގެ އެހީތެރިކަން ފަގީރުންނަށް ބޭނުންވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ދޭދޭ ހުރިހައި ގުޅުންތަކެއްގައި ވެސް ހެޔޮ ފޯރުވުމުގެ މާތް ސިފަ އަށަގެންނެވުން މުހިންމު ކަމަށެވެ.
ރައީސްގެ ޚިތާބުގައި ވަނި ސަރުކާރުން މިހާތަނަށް ކޮށްދެއްވާފައިވާ ބައެއްކަންކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މަސްވެރިންނަށް ދޭންހުރި ފައިސާ ދޫކޮށްފައިވާކަމަށާއި ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލަންސް ގާއިމުކުރެއްވިކަމާއި ރޯދަ މަހުގެ ފަހު 10 އެއް ސަރުކާރު ބަންދުކުރެއްވިކަން ފާހަގަކުރައްވާފައިވެއެވެ. ރައީސް މުއިއްޒު ވިދާޅުވީ ރަމަޟާން މަސް ބައްދަލުކުރިއިރު، ފަލަސްތީނުގެ ބިމުގައި ހަނގުރާމައާ، ބިރުވެރިކަމާ، ހައިހޫނުކަމުގައި، ގެދޮރާ ޢާއިލާގެއްލި ބިކަވުމުގެ ހާލަތު ކުރިމަތިވެފައިވާ މުސްލިމް ތުއްތުކުދީންނާ، އުޚްތުންނާ، އަޚުންގެ މަތީން ހުރިހާ ދިވެހީން އަބަދުމެ ހަނދާންވާ ކަމަށެވެ.
"މުސްލިމުންގެ މުޤައްދަސް އެއް މިސްކިތްކަމުގައިވާ އަލްމަސްޖިދުލް އަޤްޞާ ހުރި ބަރަކާތްތެރި ވަޠަނުގައި، އިސްލާމްދީނާ މިނިވަންކަމުގެ ޙައްޤުގައި ފަލަޞްޠީނުގެ އަހުލުވެރީން ކުރަމުންދާ ޖިހާދަށް ނަޞްރުދެއްވައި، އަނިޔާވެރީންގެ ކެހިވެރިކަމުން މިންޖުކުރައްވާށިއެވެ. އާމީން." ރައީސް ޚިތާބުގައި ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވަނީ ދިވެހީންނަކީ އެއް އާއިލާއެއްކަން ހަނދާންކޮށް، ދޭދޭ ގުޅުންތައް ބަދަހިކުރުމަށް އިލްތިމާސްކުރައްވާފައެވެ.
"ޙަޤީޤަތެއް ނެތް ދޮގުވާހަކަތަކުން މުޖުތަމަޢު ކިލަނބު ނުކުރައްވާށެވެ. އަމިއްލަ ނަފުސާ މެދު އިތުރަށް ވިސްނައިވަޑައިގެން އިޞްލާޙުކުރައްވާށެވެ. ރީތި ހިމޭން ބަސްމަގުން ތެދުބަހުން މީހުންނާ މުޢާމަލާތުކުރައްވާށެވެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.