Last Updated: April 28, 15:28
Sunday, April 28, 2024
ރިޕޯޓް

ނަމާދުގައި ހެދޭ ކުށްތައް

މުސްލިމުންގެ މައްޗަށް ވާޖިބުކޮށްފައިވާ އަޅުކަންތަކުގެ ތެރެއިން އެންމެ އިސްކަން ދޭމް ޖެހޭ އަޅުކަމަކީ ނަމާދެވެ. ދުވާލެއްގެ މައްޗަށް ފަސް ނަމާދު ވާޖިބުވެގެންވާ އިރު، މި ނަމާދުތަކަށް ފަރުވާތެރިވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ތިމާކުރާ ހެޔޮ ހުރިހާ އަމަލެއް ބިނާވެގެން ވަނީ ނަމާދުގެ މައްޗަށް ކަމަށްވާތީ، މި އަޅުމަކީ އެ އަދާކުރަން އަންގާފައިވާ ގޮތަށް ކުރަން ޖެހޭ އަޅުކަމެވެ.

ނަމަދަކީ އިންސާނީ އޭނަ ހެއްދެވި ފަރާތާ އެންމެ ބޮޑަށް ކުއްތަންކޮށްދޭ އަޅުކަމަށްވާތީ ނަމާދުގެ ހުރިހާ ރުކުނަކަށް ވެސް ފަރުވާތެރިވާން ޖެހެ އެވެ. ނަމާދަށް ހުންނަ އިރު، ތިމާ އަށް މި ކުރެވެނީ ކީއްކަމާއި ތިމާ މި ހުރީ ﷲ ގެ ހަޟުޒަރުގައި ހުއްޓިގެންކަން ހިތަށް ގެނެސް ބިރުވެރިވާން ޖެހެ އެވެ.

އެހެންވެ ނަމާދުގައި ކުށްތައް ނުހެދުމަށާއި ނަމާދު ވީހާ ވެސް ފުރިހަމަކޮށް، ރަނގަޅަށް ކުރުމަށް ސަމާލުކަން ދޭނެ ޖެހެ އެވެ. އެގޮތުން ނަމާދުގައި ހެދޭ މުހިއްމު ބައެއް ކުށްތައް ލިސްޓްކޮށްދޭ ނަމެވެ.

* ނަމާދުގައި ހެދޭ ކުށްތައް (16)

ނަމާދުގެ ޙަރަކާތްތަކުގައި އިމާމާއަށްވުރެ ކުރިއަރައިދިއުން.
ޖަމާޢަތުގެ ނަމާދުކުރަންޖެހެނީ އިމާމާއަށް ތަބާވެގެންނެވެ. އެބަހީ މައުމޫމުން ޙަރަކާތް ކުރަންޖެހޭނީ އިމާމާ ޙަރަކާތްކޮށް ނިމުމުންނެވެ. އިމާމާއަށްވުރެ ކުރިން ޙަރަކާތްކުރުމަކީ ނަމާދު ބާތިލުވާނެކަމެކެވެ.

* ނަމާދުގައި ހެދޭ ކުށްތައް (17)

ނަމާދުގެ ޙަރަކާތްތަކުގައި މައުމޫމުން އިމާމާއަށް ތަބާވުމުގައި މާބޮޑަށް ލަސްވުން. މިޘާލަކަށް އިމާމާ ރުކޫޢަށްގޮސް ތެދުވާއިރު ވެސް އަދި ރުކޫޢަށް ނުގޮސް ހުރުން.
އިމާމާއަށް ތަބާވުމަކީ އިމާމާ ޙަރަކާތްކުރުމާއި އެކީ ލަސްނުކޮށް އިމާމާއަށް ތަބާވުމެވެ. ޢުޒުރަކާއި ނުލައި މިފަދައިން ކަންތައްކުރުމަކީ ނަމާދު ބާތިލުވެދާނެ ކަމެއް.

* ނަމާދުގައި ހެދޭ ކުށްތައް (18)

ރުކޫޢާއި ސަޖިދައިގައި ކީރިތި ޤުރުއާން ކިޔެވުން.
ރުކޫޢާއި ސަޖިދައަކީ އޭގެ ޒާތުގައި ޤުރުއާން ކިޔެވުމުގެ މަޙައްލެއް ނޫނެވެ. ރުކޫޢަކީ ﷲ ތަޢާލާގެ މަތިވެރިކަން ބަޔާންކުރާ މަޤާމެކެވެ. ސަޖިދައަކީ ދުޢާގެ މަޤާމެކެވެ. އެހެނަސް މިދެމަޤާމުގައި އެފަދަކަމެއް ބަޔާންކުރާ އާޔަތެއް ކިޔެވިދާނެއެވެ. މިޘާލަކަށް ކީރިތި ޤުރުއާނުގެ އާޔަތެއްގައިވާ ދުޢާއެއް ދުޢާއެއްގެ ގޮތުގައި ސަޖިދައިގައި ކިޔެވިދާނެއެވެ.

* ނަމާދުގައި ހެދޭ ކުށްތައް (19)

ފަހުން ޖަމާޢަތުގައި ބައިވެރިވާމީހާ، އިމާމާ އެވަގުތު ހުރި މަޤާމުގައި ބައިވެރިނުވެ އިމާމާ ތެދުވަންދެން މަޑުކުރުން. މިޘާލަކަށް ފުރަތަމަ އައްތަޙިއްޔާތުގައި އިމާމާ ވަނިކޮށް ޖަމާޢަތާއި ބައިވެރިވާމީހާ، އިމާމާ ތެދުވަންދެން ބައިވެރިނުވެ މަޑުކޮށްގެން ހުރުން.
ރަނގަޅު ގޮތަކީ މަޑުނުކޮށް އަވަހަށް އިމާމާއާއި ބައިވެރިވުން.

* ނަމާދުގައި ހެދޭ ކުށްތައް (20)

ރުކޫޢުގައި ދެކަކުލުގައި އަތްތިލައިން ހިފަހައްޓާއިރު އިނގިލިތައް ކައިރިކޮށްފައި ބެހެއްޓުން.
ސުންނަތް ގޮތަކީ އިނގިލިތައް ދުރުކޮށްފައި ކަކުލުގައި ހިފެހެއްޓުން.

* ނަމާދުގައި ހެދޭ ކުށްތައް (21)

ރުކޫޢުގައި ބުރަކަށި ސީދާ ނުކުރުން.
ރުކޫޢުގައި އޮންނައިރު ބުރަކަށްޓާއި ބޮލާއި ސީދާވާވަރަށް ތިރިވާންޖެހޭނެއެވެ.

* ނަމާދުގައި ހެދޭ ކުށްތައް (22)

އިމާމާ ރުކޫޢިން ތެދުވާފަހުން ރުކޫޢަށްދާ މައުމޫމާ އެރަކްޢަތް ލިބުނުކަމަށް ޤަބޫލުކުރުން.
އިމާމާ ރުކޫޢިން ތެދުވާފަހުން ރުކޫޢުކޮށްފިނަމަ އެރަކްޢަތް ނުލިބޭނެއެވެ. އެރަކްޢަތް ޖެހޭނީ ޤަޟާކުރާށެވެ.

* ނަމާދުގައި ހެދޭ ކުށްތައް (23)

ނަމާދުގައި ޤިޔާމާއި ރުކޫޢާއި އިޢުތިދާލުގައި ދެފައިތިލަ މާދުރުގައި ބެހެއްޓުން، ނުވަތަ ދެފައިތިލަ މާކައިރިކުރުން.
ދެކޮނޑަށްވުރެ ދެފައިތިލަ ދެމެދުގެ ޖާގަ ބޮޑުވެއްޖެނަމަ ހައްދުފަހަނައަޅައިދިޔައީއެވެ. އަދި އެހެންމީހުންނަށް ޙައްޤުވާ ޖާގައަކަށް އަރައިގަނެވުނީއެވެ. ދެފައިތިލަ މާބޮޑަށް ކައިރުކުރުމާއި، މާބޮޑަށް ދުރުކުރުމަކީ މީހާގެ މަންޒަރު ޢައިބުކޮށް ދައްކާނެކަމެކެވެ. ރަނގަޅުގޮތަކީ ޢައިބުނުވާފަދަ މެދެމިނެއް ޚިޔާރުކުރުމެވެ.

* ނަމާދުގައި ހެދޭ ކުށްތައް (24)

ސަޖިދައިގައި ނޭފަތް ބިންމަތީގައި ނުޖެއްސުން.
ސަޖިދައިގައި ނިތްކުރިއާއި އެކީ ނޭފަތްވެސް ޖައްސަންޖެހޭނެއެވެ. ނޭފަތް ނުޖައްސާނަމަ ސަޖިދަ ސައްޙައެއް ނުވާނެއެވެ.

* ނަމާދުގައި ހެދޭ ކުށްތައް (25)

ސަޖިދައިގައި އޮންނައިރު ފައިތިލައިގެ އިނގިލިތައް ބިންމަތީގައި ނުޖައްސުން.
ސަޖިދައިގައި އޮންނައިރު ދެފައިތިލައިގެ އިނގިލިތައްވެސް ބިންމަތީގައި ޖައްސަންޖެހޭނެއެވެ. ދެފައިތިލަ ނުވަތަ އެއްފައިތިލަ ވިޔަސް ބިންމަތީގައި ނުޖެހޭނަމަ ސަޖިދަ ސައްޙައެއް ނުވާނެއެވެ.

* ނަމާދުގައި ހެދޭ ކުށްތައް (26)

ބަނޑާއި ފައިގެ ފަލަމަސްގަނޑާއި ޖެހޭހައި ކައިރިއަށް ސަޖިދަކުރުން.
ސަޖިދަކުރަންވާނީ ބަނޑާއި ފައިގެ ފަލަމަސްގަނޑާއި ނުޖެހޭ މިންވަރަށް ދުރަށެވެ. އެކަމަކު ޢައިބުވާ މިންވަރަށް ދުރުކުރުމެއްވެސް ނުވެއެވެ. މިކަމުގައި އަންހެނުންނާއި ފިރިހެނުންގެ ތަފާތެއް ނުވެއެވެ.

* ނަމާދުގައި ހެދޭ ކުށްތައް (27)

ޖަމާޢަތުގެ ނަމާދުގެ ސަޖިދައިގައި މައުމޫމާގެ އުޅަބޮށި ހަށިގަނޑާއި ފޭކޮށްފައި ބެހެއްޓުން
މިފަދައިން ކަންތައްކުރުން ސުންނަތްވެގެންވަނީ އެކަހެރިކޮށް ނަމާދުކުރާއިރުގައެވެ. ޖަމާޢަތުގެ ނަމާދުގައި މައުމޫމާ މިފަދައިން ކަންތައްކުރުމުން ކައިރީގައިތިބޭ މީހުންނަށް ދަތިވާނެއެވެ.

* ނަމާދުގައި ހެދޭ ކުށްތައް (28)

ސަޖިދައިގައި އަތްދަނޑި ބިންމަތީގައި ޖެއްސުން.
ސަޖިދައިގައި އަތްދަނޑި ބިންމަތީގައި ޖެއްސުމަކީ ނަހީވެގެންވާ ކަމެއް.

* ނަމާދުގައި ހެދޭ ކުށްތައް (29)

ސަޖިދައިގައި ދެފައިތިލަ ދުރުގައި ބެހެއްޓުން.
ސުންނަތް ގޮތަކީ ސަޖިދައިގައި ދެފައިތިލަ ބީހޭހައި ކައިރީގައި ބެހެއްޓުމެވެ.

* ނަމާދުގައި ހެދޭ ކުށްތައް (30)

ސަލާމްދިނުމުގައިި އިސްއުފުލައި ތިރިކުރަމުން ސަލާމްދިނުން.
ސަލާމްދިނުމުގައި ބޯޖެހުމެއް ނުވެއެވެ. އޮތީ ދެފަރާތަށް ބޯއަނބުރާލުމެވެ.

* ނަމާދުގައި ހެދޭ ކުށްތައް (31)

ނަމާދުން ސަލާމްދޭއިރު ދެއަތްތިލަ ދެފަރާތަށް ފުރޮޅާލުން.
ސަލާމްދޭއިރު ދެއަތްތިލަ ފުރޮޅާލުމަކީ ސުންނަތުން ސާބިތުވާކަމެއް ނޫނެވެ.

* ނަމާދުގައި ހެދޭ ކުށްތައް (32)

އަތްތަޙިއްޔާތުގައި އިންނައިރު ސަޖިދަޖަހާ ތަނަށް ބެލުން.
އައްތަޙިއްޔާތުގައި ނަބިއްޔާ ﷺ އިރުޝާދުދެއްވާފައިވަނީ ކަނާތްތިލައިގެ ޝަހާދަތް އިނގިއްޔަށް ބެލެމަށެވެ.

* ނަމާދުގައި ހެދޭ ކުށްތައް (33)

ނަމާދުން ސަލާމްދީ ނިމުމާއި އެކީ ދެފަރާތުގައި ތިބި މީހުންނާއި ސަލާމްކުރުން.
މާތް ކަމެއްގެ ގޮތުގައި ދެކިގެން ޖަމާޢަތުގައި ކުރެވޭ ކޮންމެ ނަމާދަކަށް ސަލާމްދިނުމަށްފަހު ދެފަރާތުގައި ތިބޭ މީހުންނާއި ސަލާމްކުރުމަކީ ބިދުޢައެކެވެ.

* ނަމާދުގައި ހެދޭ ކުށްތައް (34)

އައްވަލު ސަފަށް އަރަން ލިބޭ ފުރުސަތު ދޫކޮށްލުން.
އައްވަލު ސަފަކީ (ފުރަތަމަ ސަފު) މާތްކަން ބޮޑުވެގެންވާ ސަފެކެވެ. އޭގެ މާތްކަން އެނގޭނަމަ ސަފަށް އަރަން ވާދަކޮށް ގުރުއަތުވެސްލާނެ ކަމަށް ނަބަވީ އިރުޝާދުތަކުގައި އައިސްފައިވެއެވެ.

ނޯޓް: މައުލޫމާތު ޝެއިހް އަހުމަދު ރިމާޒް