Last Updated: July 15, 18:06
Thursday, July 16, 2026
ދުނިޔެ

ގާޒާ އިން 21 ކުއްޖަކު ބަނޑަށް މަރުވެއްޖެ

ފަލަސްތީނުގެ ގާޒާގައި ކުޑަކުދިން ބަނޑަށް މަރުވަމުންދާ ނިސްބަތް އިތުރުވާން ފަށައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި ދުވަސްތަކުގައި ގާޒާ އިން ބަނޑަށް މަރުވި ކުޑަކުދިންގެ އަދަދު 21 އަށް އަރާފައިވާ ކަމަށެވެ. މިއީ އިޒްރޭލުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތަކުގެ ނަތީޖާއެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ފަލަސްތީނުގެ އަމިއްލަ ޖަމިއްޔާތަކުން ބުނެފައިވާ ގޮތުގައި ބަނޑަށް މަރުވުމުގެ ބިރު އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ އުތުރު ގާޒާގައި އުޅެމުންދާ މީހުންނަށެވެ. އެގޮތުން އުތުރު ގާޒާ އަށް އެހީގެ ތަކެތި ލިބުން އެއްކޮށް ހުއްޓިފައިވާއިރު ބަނޑަށް މަރުވި މީހުންގެ ހަގީގީ އަދަދު މިހާރު އާންމުކޮށްފައިވާ ވަރަށް ވުރެ ވެސް އިތުރުވުން ގާތް ކަމަށް ޖަމިއްޔާތަކުން ބުނެ އެވެ.

ގާޒާ އިން ކުޑަކުދިން ބަނޑަށް މަރުވާން ފަށާފައިވާއިރު، ބަނޑު ހައިހޫނުކަމުގައި ގާޒާ އިން އެތައް ބަޔަކު މަރުވުން ގާތް ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން މީގެކުރިން ވަނީ އިންޒާރުދީފަ އެވެ.

ބަނޑުހައިހޫނު ކަމުގެ އިތުރުން ގާޒާގެ އެކި ސަރަހައްދުތަކުގައި ތަފާތު އެކި ބަލިތައް ވެސް އަންނަނީ ފެތުރެމުންނެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 31،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.