ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ އިރު، އޭނަ އަލަށް ކުންފުންޏެއްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
އުމުރުން 19 އަހަރުގެ ރަޝާ އަށް ލިބުނީ "ކްރޮކްސް އިންޑިއާ" ގެ ބްރޭންޑް އެމްބެސެޑަރުމަކެވެ. މި ޕްލާސްޓިކް ފައިވާން ބްރޭންޑް އިޝްތިހާރު ކުރުމުގައި ރަޝާއާ އެކީ ވެދާންގް ރައިނާ ވެސް ބްރޭންޑް އެމްބެސެށަރެއްގެ ގޮތުގައި ހިއްސާވެ އެވެ. ވެދާންގް އަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އިން ތައާރަފުވި އެކްޓަރެކެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އާލިއާ ބަޓްގެ ފިލްމު "ޖިގްރާ" ގެ ރޯލަކުން ވެސް ވެދާންގް ފެންނާނެ އެވެ.
"ކްރޮކްސް އިންޑިއާ" ގެ ބްރޭންޑް އެމްބެސެޑަރުކަން ލިބުމާ ގުޅިގެން ރަޝާ ބުނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ކްރޮކްސް" އާ ހިއްސާވުމަކީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށެވެ. އަދި އެ ބްރޭންޑްގެ "ކެޝުއަލް" ފައިވާންތަކަކީ އަމިއްލަ އަށް ވެސް ވަރަށް ގަޔާވާ އެއްޗެއް ކަމަށް ބުންޏެވެ.
"މިއީ ވަރަށް ކަލަފުލް، ވަރަށް ލޯބި އަދި އާންމު ދިރިއުޅުމުގައި އަރައިިގެން އުޅެން ވަރަށް ފަސޭހަ ފައިވާނެއް." އޭނަ ބުންޏެވެ.
ރަޝާ ބޮލީވުޑަށް ތައާރަފުކުރަން ހަމަޖެފައި ވަނީ "ކައި ޕޯޗޭ" އާއި "ރޮކް އޯން" އާއި "ކޭދަރުނާތު" އަދި "ޗަންދީގަޅް ކަރޭ އާޝިގީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ ފިލްމަކުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މަސައްކަތް ކުރިއަށްދާ މި ފިލްމުގެ ނަމަކީ "ޝަރާބީ" އެވެ. މީގެ ބަތަލަކީ އަޖޭ ދޭވްގަން އަށް ބޮޑުބޭބެ ކިޔާ އަމަން ދޭވްގަނެވެ. މިއީ އޭނަގެ ވެސް އަލަތު ފިލްމެވެ.