Last Updated: May 3, 15:50
Friday, May 3, 2024
ކުޅިވަރު

ޗެލްސީން ނިއުކާސަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން 3-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު ވެސް ޗެލްސީ އޮތީ ލީގުގެ 11 ވަނައިގަ އެވެ. އެއީ 27 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ނިއުކާސަލް 10 ވަނައިގައި އޮތީ 28 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި ނިކޮލަސް ޖެކްސަން ވަނީ ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ. މިއީ އޭރިއާ ރޮނގުކައިރިން ކޯލް ޕާމާ ޖެހި ޝޮޓެއް ޖެކްސަން ގޯލަށް ފޮނުވާލި ބޯޅައަކުން ޖެހި ގޯލެކެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލެކްސަންޑަ އިސާކް ވަނީ ނިއުކާސަލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، މެޗުގެ 57 ވަނަ މިނިޓްގައި ޕާމާ ވަނީ ޗެލްސީ އަލުން ލީޑު ނަގައިދީފަ އެވެ. މިއީ ނިއުކާސަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބު ކުރި ގޯލެކެވެ. އަދި މެޗުގެ 76 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކައިލޯ މުޑްރިކް ވަނީ ޗެލްސީގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިއީ ނިއުކާސަލްގެ ޑިފެންޑަރެއްގެ ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ، ނިއުކާސަލްގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ކާމިޔާބު ކުރި ގޯލެކެވެ.

އިތުރު ވަގުތުގައި ނިއުކާސަލްގެ ޖެކަބް މާފީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، މި ގޯލަށް ފަހު ނަތީޖާ އެއްވަރުކުރަން ނިއުކާސަލުން މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.