Last Updated: July 22, 10:59
Wednesday, July 22, 2026
ޚަބަރު

އިންޑިއާ އިން އައި ޓޫރިސްޓުން 28،000 ގައި

މި އަހަރު ފެށުނު ފަހުން ރާއްޖެ އައި އިންޑިއާގެ ޓޫރިސްޓުންގެ އަދަދު މިހާރު އުޅެނީ 28،000 ގައި ކަމަށް ޓޫރިސްޓް އެރައިވަލްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން މި މަހުގެ 9 އާ ހަމައަށް އިންޑިއާ އިން ރާއްޖެ އައިސްފައި ވަނީ ޖުމްލަ 28،298 ޓޫރިސްޓުންނެވެ. މިއާ އެކީ އެ ގައުމު މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ 6 ވަނައިގަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުކަމެވެ.

އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އައުން ވަރަށް ބޮޑަށް މަދުވީ އިންޑިއާ އިން މިހާރު ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން ކެމްޕޭންތަކެއް ވެސް ހިންގަން ފެށުމާ ގުޅިގެންނެވެ. މި ކެމްޕޭން ފެށުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީޒު ނަރެންދުރަ މޯދީ އަށް ކުޑައިމީސްކޮށް ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ. އެހެންވެ އިންޑިއާ މީހުން ރާއްޖެ އަށް ދިއުމުގެ ބަދަލުގައި ރާއްޖެއާ އެއްކަލަ ގުދުރަތީ ސިފަތަކެއް ހުންނަ އެ ގައުމުގެ ދަށުގައި އޮންނަ ލަކްޝަދީޕަށް ދާން ގޮވާލައި އަންނަނީ ކެމްޕޭން ކުރަމުންނެވެ.

މި ކެމްޕޭނަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ވެސް ތާއީދުކޮށްފައިވެ އެވެ. ބޮއިކޮޓް ކެމްޕޭންގެ ކުރިން ރާއްޖެ އަކީ އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން ރާއްޖެ އަންނަމުން އައި ގައުމެކެވެ. އޭގެ ތެރޭގައި ރިޕީޓްކޮށް އަންނަ ތަރިން ވަރަށް ގިނަ އެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއާ އިން ބޮޑު ވާދަވެރިއެއްގެ ގޮތުގައި ދެކޭ އަދި ރާއްޖޭގެ ސަރުކާރުން މިހާރު އެންމެ ގާތް ގުޅުމެއް ބާއްވާ ޗައިނާއިންނެވެ. މި މަހުގެ 9 އާ ހަމައަށް އެ ގައުމުން 56،181 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައިގައި އޮތް ރަޝިއާ އިން 44،222 ޓޫރިސްޓުން އައިސްފައިވެ އެވެ.

ގަދަ 10 ގައި ދެން ހިމެނޭ ގައުމުތަކީ އިޓަލީ (42،770 ޓޫރިސްޓުން)، އިނގިރޭސިވިލާތް (40،448 ޓޫރިސްޓުން)، ޖަރުމަން (29،196 ޓޫރިސްޓުން)، ފްރާންސް (18،365 ޓޫރިސްޓުން)، އެމެރިކާ (14،405 ޓޫރިސްޓުން)، ޕޮލޭންޑް (11،078 ޓޫރިސްޓުން) އަދި ސްވިޓްޒަލޭންޑް (10،120 ޓޫރިސްޓުން) އެވެ.

މި މަހުގެ 9 އާ ހަމައަށް ރާއްޖެ އައިސްފައި ވަނީ ޖުމްލަ 466،273 ޓޫރިސްޓުންނެވެ.

ރާއްޖެ އިން މި އަހަރު އަމާޒު ހިފާފައި އޮތީ މަދުވެގެން 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ.