Last Updated: April 27, 20:44
Saturday, April 27, 2024
ޚަބަރު

ރަނގަޅީ ނަމާދުގެ އަޑު މިސްކިތު ބޭރަށް ނުބެހެއްޓުން

ރަނގަޅު ގޮތަކީ ނަމާދުކުރާ އަޑު މިސްކިތުގެ ބޭރަށް ނުބެހެއްޓުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއިލް (އިބްރާ) އެކްސްގައި މިނިސްޓަރު ޓެގް ކުރައްވައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ޝަހީމް ވިދާޅުވީ ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެ އަށް އަޑު ހުންނަ ގޮތަށް ކުރުން ރަނގަޅު ކަމަށެވެ. އަދި ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ގެންދިއުން ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ ނަމާދަށް ބަންގި އާއި ގަމަތް ދޭ އިރު ބޭރަށް އަޑު ހުއްޓަސް އެންމެ ރަނގަޅު ކަމަށެވެ.

މިނިސްޓަރުގެ މި ވާހަކައާ ގުޅިގެން އިބްރާ ވަނީ މިސްކިތުން ކުރިޔަސް، ޢާންމު އުނދަގުލަކަށްވާ ގޮތަށް އަޑުގަދަ ކުރުމަކީ ޢާންމު އިޖްތިމާޢީ މިންގަނޑުތަކުގެ ޤާނޫނާ ޚިލާފް ކަމެއް ކަމަށާއި، އެއީ ކުށެއް ކަމަށް ވިދާޅުވެ ފައެވެ. އަދި ތާޅަފިލިން ބޭރަށް އަޑުދީގެން ނަމާދު ކުރުމަކީ ދީނާ ޚިލާފުކަމެއް ކަމަށާއި، އިސްލާމިކް މިނިސްޓްރީން އެކަން ހުއްޓުވެން ވާނެ ކަމަށް އިބްރާގެ ޕޯސްޓުގައި ވިދާޅުވި އެވެ.

މި ވާހަކައާ ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ ކަންކަން ރަނގަޅު ކުރަން އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި ނަތީޖާ ފެންނާނެ ކަމަށެވެ.

އިބްރާ ވިދާޅުވެފައި ވަނީ ކައިރީ ހުންނަ މިސްކިތްތަކުން ތަރާވީސް ނަމާދުގެ އަޑު ގަދަކޮށް އިވޭތީ އޭނަގެ ގޭދޮށު ގޭގޭގެ މީހުނަށް ޢިޝާ ނަމާދުކޮށްލެވޭނީ މިސްކިތުން ތަރާވީހު ނަމާދުކޮށް ނިމުނީމައި ކަމަށެވެ.

"މިއީ ކޮންމެ ރޯދަ މަހެއްގެ ވެސް ޙާލު. ރީތިކޮށް ކިޔަވާ ނަމަވެސް ރަނގަޅު." އިބްރާ ވިދާޅުވި އެވެ.