Last Updated: April 30, 22:02
Tuesday, April 30, 2024
ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި ދޮންކޭލުގެ އަގު އުފުލިދާނެ!

މޫސުމީ ބަދަލުތަކާ ގުޅިގެން ދޮންކެޔޮ ހެއްދުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ހެދި ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ ބާޒާރުގައި ދޮންކޭލުގެ އަގު ވަރަށް ބޮޑަށް އުފުލިދާނެކަމުގެ އިންޒާރު ދީފި އެވެ

މިކަމުގެ ކަންބޮޑުވުން ތަޖުރިބާކާރުން ފާޅުކުރަން ފެށީ އިޓަލީގެ ރޯމްގައި މިއަދު ފެށި ދޮންކޭލާ ގުޅޭ ފޯރަމްގަ އެވެ. ވޯލްޑް ބަނާނާ ފޯރަމް (ޑަބްލިއުބީއެފް) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފޯރަމްގައި ދޮންކެޔޮ ހެއްދުމަށް މިހާރު ކުރިމަތިވަމުންދާ ހުރަސްތަކާއި ދޮންކެޔޮ މާކެޓާ ބެހޭ ގޮތުން ފުޅާކޮށް ސްޓޭކްހޯލްޑަރުންގެ މެދުގައި މަޝްވަރާކުރާނެ އެވެ.

ހަތަރު ވަނަ ބަނާނާ ފޯރަމްގައި އިކޮނޮމިސްޓެއް ކަމަށްވާ ޕާސްކަލް ލިއު ވިދާޅުވީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކާ ހެދި ދޮންކޭލުގެ ސަޕްލައި އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އޭނަ ވިދާޅުވީ މޫސުމީ ބަދަލުތަކާ ހެދި ކެޔޮގަސްތަކަށް ތަފާތު ބަލިތައް ޖެހެމުންދާތީ ދޮންކެޔޮ ހެއްދުމަށް މިހާރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ބަލިތަކުން ރައްކާތެރިކަން ހީދުމަށް ތަފާތު ބޭސްތައް ބޭނުން ކުރަން ޖެހުމާ އެކީ މިހާރު ދޮންކެޔޮ ހައްދަން ކުރަން ޖެހޭ ހޭދަ އާއި މަސައްކަތް ވެސް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ޕާސްކަލް ވިދާޅުވި އެވެ.

އެހެންވެ މިފަދަ ސަބަބުތަކަކާ ހެދި ދުނިޔޭގެ ބާޒާރުގައި ދޮންކޭލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިއުމުން ފުރުސަތު ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

ޕާސްކަލް ފާހަފަކުރެއްވި ގޮތުގައި ދޮންކެޔޮ ހެއްދުމަށް ދިމާވާ މައްސަލަތަކާ ހެދި ބަލިތަކުން ރައްކާތެރި ކުރަން ގަސްތަކަށް ތަފާތު ބާވަތްތަކުގެ ކެމިކަލްތައް ބޭނުން ކުރަން ޖެހުމަކީ ދޮންކޭލުގެ ކޮލިޓީ އަށް ބަދަލުތަކެއް އަންނާނެ ކަމެކެވެ.

ބަނާނާ ފޯރަމްގައި ވާހަކަ ދައްކަވަމުން އަހަރަކު ފަސް ބިލިއަން ދޮންކެޔޮ އެތެރެކުރާ ގައުމު ކަމަށްވާ އިނގިރޭސިވިލާތުގެ އެގްޒެޓާ ޔުނިވަސިޓީގެ ޕްރޮފެސަރު ޑޭން ބެބާ ވިދާޅުވީ ދޮންކޭލުގެ މުސްތަގުބަލު މިހާރު އޮތް ގޮތަށް ބަލާ އިރު، އެ މޭވާ ދެމެހެއްޓެނި ގޮތަކަށް ހެއްދޭނެ ގޮތްތަކާ ގުޅޭ އިތުރު ދިރާސާތަކެއް ވެސް ހަދަން ޖެހޭ ކަމަށެވެ.

ޕާސްކަލް ވިދާޅުވީ ދުނިޔެ ހޫނުވަމުން ދިއުމަކީ ދޮންކެޔޮ ހެއްދުމަށް ކުރިމަތިވަމުންދާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެގޮތުން މިހާރު އެންމެ ބޮޑު ގަހަށް ދިމާވާ ފަންގަލް އިންފެކްޝަނެއް ކަމަށްވާ ފިއުޒޭރިއަމް ވިލްޓް ޓީއާރް4 ކަމަށް ވިދާޅުވި އެވެ. އޭނަ ވިދާޅުވި ގޮތުގައި މި ފަންގަލް އިންފެކްޝަން މިހާރު ވަނީ އޭޝިއާ، އެފްރިކާ، އޮސްޓްރޭލިއާ އަދި ދެކުނު އެމެރިކާ އަށް ވެސް ފެތުރިފަ އެވެ.

ދޮންކޭލަކީ މުޅި ދުނިޔޭގައި ވެސް އެންމެ އާންމު އެއް މޭވާ އެވެ. އަދި އެންމެ ގިނައިން ގައުމުތަކަށް އިމްޕޯޓްކުރާ މޭވާ އެވެ.