Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

މުރްގަދޯސްގެ ފިލްމަށް ސަލްމާން ކަށަވަރު

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އޭއާރް މުރްގަދޯސް ޑައިރެކްޓްކުރާ ފިލްމަކަށް ސޮއިކުރިކަން ސަލްމާން ޚާން މިއަދު ކަށަވަރުކޮށް ދީފި އެވެ.

އޭނަ މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އާ ފިލްމާ އެކީ އަންނަ އަހަރުގެ ފިތުރު އީދުގައި އަންނާނެ ކަމަށެވެ. ނަމަވެސް ފިލްމާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.

މީގެ ދުވަސް ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާން އަލަށް މުރްގަދޯސްއާ އެކީ މަސައްކަތް ކުރަން ހަމަޖެހިފައިވާ ފިލްމަކީ އޭނަގެ 2014 ގެ ފިލްމު "ކިކް" ގެ ސީކްއެލް އެވެ. އެ ފިލްމަކީ ސާޖިދުގެ އަލަތު ޑައިރެކްޝަނެވެ. މީޑިއާތަކުން ބުނީ މުރްގަދޯސް ލިޔެ، ޑައިރެކްޓްކުރާ ގޮތަށް "ކިކް 2" ހަވާލުކުރީ އޭގެ ހުރިހާ މަސައްކަތެއް ސާޖިދު ވަރަށް ގާތުން ބަލާ ގޮތަށް ކަމަށެވެ.

ނަމަވެސް ސަލްމާއި މުރްގަދޯސް އެކީގައި މަސައްކަތް ކުރަން އުޅޭ ފިލްމަކީ އެއީކަން އަދި ކަށަވަރެއް ނުވެ އެވެ.

އާންމުކޮށް ތަމަޅަ ފިލްމު ހަދާ މުރްގަދޯސް އަކީ އާމިރު ޚާންގެ 2008 ގެ "ގަޖިނީ" ގެ ޑައިރެކްޓަރެވެ. އަދި އޭނަ އަކްޝޭ ކުމާރާ އެކީ "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ" ކިޔާ ފިލްމަކާއި ސޮނާކްޝީ ސިންހާއާ އެކީ "އަކީރާ" ކިޔާ ފިލްމެއް ވެސް ގެނެސް ދީފައިވެ އެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޓައިގާ 3" އެވެ.