Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

މެންބަރުން ގުނާ ގޮތާ ގުޅޭ މާއްދާ ބާތިލުކުރަން ހުށަހަޅައިފި

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާގޮތް ބަޔާންކޮށް މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް މަޖިލީހުގެ ރިޔާސަތުން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ފެބްރުއަރީ 29 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކުރިން ހިމެނިފައިވާ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިޚްތިޔާރުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

19 ފެބްރުއަރީގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އުނިކޮށް 242-1 ވަނަ މާއްދާގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާގެ މައިގަނޑު މަފްހޫމަކީވެސް 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އިން ހަމަކޮށްދޭ ނަތީޖާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ގަވައިދުގެ 242-1 ވަނަ މާއްދާ އަށް އަމަލުކުރެވެން ނެތްކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުން މަޖިލީހުގެ ގަވައިދުގެ 242-1 ވަނަ މާއްދާ އުވާލާފައިނުވާ ކަމަށާއި، އެ މާއްދާ އުވާލެވެނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އެހެންކަމުން އެ މާއްދާ އުވާލުމުގެ މައްސަލައިގައި މެންބަރުން ގޮތެއް ނިންމުމަށް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލައިގައި ބަހުސް ކުރުމަށް މެންބަރުންނަށް ދީފައިވަނީ ޖުމުލަ އެއް ގަޑިއިރެވެ.

މި މައްސަލައާ ގުޅިގެން އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުން މަޖިލީހުގެ ގަވައިދުގެ އެބައި ބާތިލުނުކުރާހާ ހިނދަކު އެކަމާމެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ހުކުމެއް އޮތީމާ، އެ ހުކުމާ އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދެވޭނެ ހުރިހާ މަގެއް، ގާނޫނުއަސާސީ ބަޔާންކުރާ ގޮތުން، ޤާނޫނުއަސާސީން ސުޕްރީމް ކޯޓުގެ މައްޗަށް ލިބިދީފައިވާ ބާރުގެ ދަށުން ކުރެވިފައިވާ ހުކުމަކަށްވާތީވެ އެހުކުމަށް ތަބާވާންވެސް ބޭނުންވޭ. އެހެންނަމަވެސް އެ މާއްދާ އުނިކޮށްފައި ސުޕްރީމް ކޯޓުން ނެތީމަ، މަޖިލީހުން ގޮތެއް ނިންމަވަންޖެހޭ މިކަމުގައި، އެ މާއްދާ އުނިކޮށްދެއްވުން މުހިންމު. މަޝްވަރާއަކަށްނޫން، އަޅުގަނޑު ފްލޯއަށް މި ހުށަހެޅީ އެ މާއްދާ އުނިކޮށްދިނުން އެދި." އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާއަށް (ކ)، (އ) އަދި (ވ) އިތުރުކޮށް މީގެކުރިން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބި މެންބަރުންގެ ޖުމުލަ އަދަދަށް ކަމަށެވެ. އަދި ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމާ ހަމައަށް، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ދާއިރާއެއް ނުގުނާނެ ކަމަށެވެ.

މި އިސްލާހަކީ ޤާނޫނުއަސާސީއާ ހިލާފު އިސްލާހެއްކަމަށް ބުނެ އެބައި ބާތިލުކޮށްދިނުމަށްއެދި ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން މަޖިލީހުން ވަނީ 49 ވަނަ މާއްދާއަށް އިތުރުކުރި އަކުރުތައް ބާތިލުކޮށްފައިވެއެވެ. އަދި މަޖިލީހުގެ ގަވައިދުގެ 242-1 ވަނަ މާއްދާ އިތުރުކޮށްފައިވެއެވެ. މި މާއްދާގައިވެސް ބުނެފައިވަނީ، މެންބަރެއްގެ ގޮނޑި ހުސްވުމުން އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރެވެންނެތް ހާލަތުގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ ކަމަށެވެ.

ޖުމުލަ މެންބަރުންގެ އަަދަދު ގުނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަަދަދު ގުނުމުގައި މެންބަރުން އިސްތިއުފާ ދީފައިވާ ދާއިރާތަކުގެ ގޮނޑިތައް ނުހިމަނާ ޖުމުލަ މެންބަރުންގެ އަދަދު ގުނުމަށް ނިންމާފައިވަނީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އޮތް ހުދޫދުގެ ބޭރުން ކަމަށެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ، މަޖިލީހުގެ ކޮންމެ ގޮނޑިއަކީ އިންތިހާބީ ދާއިރާއެއް ކަމަށާއި، އެ ގޮނޑިއެއްގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބޭ ކަމަށެވެ. އެހެންކަމުން އެ ގޮނޑިއެއް ހުސްވުމަކީ، އެ އިންތިހާބީ ދާއިރާ މަޖިލީހުގައި ތަމްސީލުކުރުން ހުއްޓޭނެ ކަމެއް ނޫން ކަމަށެވެ.