ސަރުކާރުގެ ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅި ހުރިހާ ވައުދެއްހެން ފުއްދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި، ވަޢުދުތައް ފުއްދަވަމުން ގެންދަވާ މިންވަރާމެދު ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވައުދުތައްވީ ހުރިހާ ވައުދެއްވެސް ފުއްދުމަށްކަމަށެވެ. އަދި މަސައްކަތް ކުރަނީ ވައުދުތައް ފުއްދުމަށްކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރު ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅީ 161 ވައުދެއްކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ އޭގެތެރެއިން ހުރިހާ ވައުދެއްހެން އެ ކަނޑައެޅި ތާރީހާ ހަމައަށް ފުއްދިފައިވާ ކަމަށެވެ. މިވައުދުތަކުގެ ތެރެއިން ދެތިން ކަމެއް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށާއި 161 ވައުދުގެ ތެރެއިން 155 ވައުދަށްވުރެއް ގިނަ ވައުދު ކަނޑައެޅި މިންވަރަށް އެއްކޮށް ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ކުރިއަށްހުރި އަހަރުތަކުގައި ކުރަންޖެހޭ މަސައްކަތްތަކަށް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރެވެމުންދާކަމަށް ރައިސް ވިދާޅުވިއެވެ. އަދި ރަށްރަށަށް ކުރާ ދަތުރުތަކުގައި ރައްޔިތުން އެދޭ ކަންކަމުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް އެކި މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ވަރަށް ބާރު ސްޕީޑުގައި ފަށާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ ވައުދުތަކެއްވެސް ފުއްދިގެންދާނެ ކަމަށާއި ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅީ ހުރިހާ ވައުދެއްހެން ފުއްދިފައިވާކަމަށެވެ.