ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލު ނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާގޮތް ބަޔާންކޮށް މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ހުށަހަޅާފައެވެ.
އެ މައްސަލައިގައި މެންބަރުން ބަހުސް ކުރުމަށްފަހު ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވީ، މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާގޮތަށް އަދި މިއަދާހަމައަށް އަމަލުކުރަމުންއައި ގޮތަށް މަޖިލީހުގެ ޖުމުލަ އަދަދަކީ 80 މެންބަރުން ކަމަށް ކަނޑައެޅުމަށެވެ.
މި ހުށަހެޅުމަށް ވޯޓަށް އެހުމުން މި ހުށަހެޅުން ފާސްކޮށްފައިވަނީ 23 މެންބަރުންގެ ވޯޓުންނެވެ. އަދި މި ހުށަހެޅުމާ ދެކޮޅަށް 2 މެންބަރުން ވޯޓު ދީފައިވެއެވެ.
މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 80 މެންބަރުންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާތަކުގައި ވޯޓު ނެގުމުގައި މަޖިލީހުގެ ޖުމުލަ އަދަދުކަމުގައި ރިޔާސަތުން ބަލާނީ 80 މެންބަރުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާއަށް (ކ)، (އ) އަދި (ވ) އިތުރުކޮށް މީގެކުރިން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބި މެންބަރުންގެ ޖުމުލަ އަދަދަށް ކަމަށެވެ. އަދި ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމާ ހަމައަށް، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ދާއިރާއެއް ނުގުނާނެ ކަމަށެވެ.
މި އިސްލާހަކީ ޤާނޫނުއަސާސީއާ ހިލާފު އިސްލާހެއްކަމަށް ބުނެ އެބައި ބާތިލުކޮށްދިނުމަށްއެދި ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން މަޖިލީހުން ވަނީ 49 ވަނަ މާއްދާއަށް އިތުރުކުރި އަކުރުތައް ބާތިލުކޮށްފައިވެއެވެ. އަދި މަޖިލީހުގެ ގަވައިދުގެ 242-1 ވަނަ މާއްދާ އިތުރުކޮށްފައިވެއެވެ. މި މާއްދާގައިވެސް ބުނެފައިވަނީ، މެންބަރެއްގެ ގޮނޑި ހުސްވުމުން އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރެވެންނެތް ހާލަތުގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ ކަމަށެވެ.
ޖުމުލަ މެންބަރުންގެ އަަދަދު ގުނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަަދަދު ގުނުމުގައި މެންބަރުން އިސްތިއުފާ ދީފައިވާ ދާއިރާތަކުގެ ގޮނޑިތައް ނުހިމަނާ ޖުމުލަ މެންބަރުންގެ އަދަދު ގުނުމަށް ނިންމާފައިވަނީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އޮތް ހުދޫދުގެ ބޭރުން ކަމަށެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ، މަޖިލީހުގެ ކޮންމެ ގޮނޑިއަކީ އިންތިހާބީ ދާއިރާއެއް ކަމަށާއި، އެ ގޮނޑިއެއްގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބޭ ކަމަށެވެ. އެހެންކަމުން އެ ގޮނޑިއެއް ހުސްވުމަކީ، އެ އިންތިހާބީ ދާއިރާ މަޖިލީހުގައި ތަމްސީލުކުރުން ހުއްޓޭނެ ކަމެއް ނޫން ކަމަށެވެ.