Last Updated: April 27, 19:04
Saturday, April 27, 2024
ޚަބަރު

އައްޑޫ ކަރަންޓު: ރޯދަ މަހުގެ ފުރަތަމަ ހަފުތާ ބޮޑު ތަކުލީފަކަށް

އައްޑޫގެ ގުޅިފައިވާ ރައްތަކަށް ކަރަންޓު ދެނީ ފެނަކައިގެ ސެންޓްރަލް ޕަވާ ސްޓޭޝަނުންނެވެ. މިތަނަކީ ޖަޕާން ސަރުކާރުގެ އެހީގައި 2000 ގެ ކުރީކޮޅު އައްޑޫ ރައްޔިތުންނަށް ކޮށްދީފައިވާ މަސައްކަތެކެވެ. އޭގެ އެތައް އަހަރެއް ވެގެން ދިޔައިރު މިއަދުވެސް ހާލަތަކީ އީންޖީނަކަށް މައްސަލައެއް ޖެހިއްޖެ ނަމަ ބެކަޕެއް ނެތުމުން ލޯޑު ދައްކުރަން ކަރަންޓު ކަނޑަން ޖެހުމެވެ.

މިއަދުވެސް މިވީ އެކަހަލަ ގޮތެކެވެ. އައްޑޫގެ ގުޅިފައިވާ ރައްތަކުން އެކި ސަރަހައްދުން ކަރަންޓު ކެނޑޭނެ ކަމަށް ފެނަކައިން މިވަނީ އަންގާފައެވެ. ކަރަންޓު ކެނޑޭނީ މެނދުރުފަހު 13:00 އާއި އިރުއޮއްސި 19:00 އާއި ދެމެދުގެ ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ގަޑިއެއްހާއިރަށް ކަމަށް ފެނަކައިން ހާމަކުރެއެވެ. މިމައްސަލަ ހައްލު ކުރަން 8 ވަރަކަށް ދުވަސް ނަގާފާނެ ކަމަށް ފެނަކައިން ބުނެއެވެ.

ނަމަވެސް ކަރަންޓު މައްސަލައެއް ދިމާވެ ކަރަންޓު ކެނޑެން މިފެށީ ބަރަކާތްތެރި ރަމަޟާން މަސް ފެށުނު ހެންނެވެ. މިއީ މި މާތް މައްސަރު އާންމު ރައްޔިތު މީހާއަށް ބޮޑު ތަކުލީފެކެވެ. ހަޤީޤަތުގައި ވަކި ސަރަހައްދުތަކަކުން ކަރަންޓު ކެނޑިދާނެ ކަމަށް ބުނެފައި އޮތަސް ލޯޑު މަތިވާ ގަޑިތަކުގައި ލޯޑު ހިފަހައްޓަން ކަރަންޓު ބޭނުން ކުރާ މިންވަރު މަދު ކުރަން ޖެހެއެވެ.

ރޯދަ މަހަކީ އެހެން މަސްތަކާއި ބަލައި އާންމުން ކަރަންޓު ބޭނުން ކުރާ ވަރު އިތުރު މަހެކެވެ. ޙާއްސަކޮށް ބަދިގޭގައި ބޭނުން ކުރާ އަވަން، މިކްސަރު އަދި މިނޫންވެސް ތަކެއްޗަކީ އެހެން މަސްތަކާއި ހިލާފަށް ކޮންމެ ދުވަހަކުހެން ގިނަ ގޭގައި ބޭނުން ހިފާތަކެއްޗެވެ. ކަރަންޓު ކެނޑޭނެ ކަމަށް ދީފައި އޮތް ވަގުތަކީ އެދުވަހު ރޯދަ ވީއްލަން ބޭނުންވާ ކާބޯތަކެތި ތައްޔާރު ކުރުމަށް ބަދިގެއަށް ވަންނަ ވަގުތެވެ. މިއާއެކު މި ރޯދަ މަސް ފަށަން މި ޖެހެނީ އައްޑޫގެ ގުޅިފައިވާ ރައްތަކުގެ ރައްޔިތުންނަށް އިތުރު ތަކުލީފަކާއި އެކުގައެވެ.


ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ރައްޔިތުންނަށް މި ރޯދަ މަހު ބުރައަކަށް ނުވާނެ ހެން ކަރަންޓު ބިލް ލުއި ކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އައްޑޫ އަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސަރަހައްދަށް ވާއިރު މި ސަރަހައްދުގެ ރައްޔިތުންނަށް މިފަހަރު ރޯދަ މަހު ލުއި ފަސޭހައަށް ވުރެ ތަކުލީފު ބޮޑުވެފައިވާކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ވަނީ މިފަދަ މިފަދަ ކަންކަން މިއަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން ހަމަޖެއްސުމަށް ފެނަކައަށް ގޮވާލާފައެވެ.

އެއްވެސް އިރެއްގައި ދައިމީ ހައްލެއް ނުލިބޭ ބޮޑު މައްސަލައެއް!

އައްޑޫސިޓީގެ ގުޅިފައިވާ ރައްތަކުގައި އިންޖީނުގޭގޭގެ ކެޕޭސިޓީއަކީ 11 މެގަވޯޓެވެ. މިއީ އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށެއްގެ ހުރިހާ ޚިދުމަތެއް ދިނުމަށް ބޭނުން ކުރާ ކެޕޭސިޓީއެވެ. ނަމަވެސް މިއީ އެންމެ އެކަށީގެންވާ އަދަދެއް ނޫނެވެ. މިހާރު ކަރަންޓު ކަނޑަން ޖެހެނީ 1 މެގަވޯޓު ޖެނެރޭޓަރަށް މައްސަލަ ޖެހިގެންނެވެ. އޭގެ އިތުރުންވެސް 2 މެގަވޯޓު ޖެނެރޭޓަރެއް މަރާމާތު ކުރަން ޖެހިފައި އެބަހުއްޓެވެ.

އައްޑޫލައިވްއަށް އެނގިފައިވާ ގޮތުގައި މިމައްސަލަ މިގޮތަށް ކުރިމަތިވެ ރޯދަ މަހު ކަރަންޓު ކަނޑަން ޖެހިދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖްމެންޓަށް ކުރީބައިގައި ވަނީ އަންގާފައެވެ. އެގޮތުން މީގެ ހައެއްކަ މަސް ކުރިން ފެށިގެންވެސް މުވައްޒަފުން ދިޔައީ ސްޕެއަރ ކުރިއާލާ ބޭނުންވާނެ ކަމަށާއި މިހާރުވެސް ކަރަންޓު ދެވޭ ވަރަށް ކިރިޔާ ހިފަހައްޓާލެވެނީކަން އަނގާފައެވެ. އަދި ބޭނުންވާ ސްޕޭއަރ ތަކުގެ ލިސްޓުތައް ތައްޔާރުކޮށް ފޮނުވާފައިވާކަން އައްޑޫލައިވްއަށް ވަނީ ކަށަވަރު ވެފައެވެ.


މައުލޫމާތު ލިބިފައިވާއިރު ގޮތުގައި، އައްޑޫގެ މިހާރު ހިންގަމުންދާ މަގު ހެދުމުގެ މަޝްރޫޢު ނިންމައި މަގު ބައްތި ދިއްލުމާއި ސްޓޯމް ވޯޓަރ ޑްރެއިން އަދި އެހެން ކަންކަން ހިމަނައިގެން މިވަގުތަށް ވެސް މަދުވެގެން 14 މެގަވޯޓަށް ކެޕޭސިޓީ އިތުރު ކުރަން ޖެހެއެވެ. އެހެން ނޫންނަމަ މަގުތަކުގައި ބައްތި ދިއްލައިގެން ލޯޑު ހިފަހައްޓާ ނުލާނެއެވެ.

މިހާލާތުގައި އައްޑޫގެ އިންޖީނުގެ އޮވެ ކުރިއާލާއި ރޯދައަށް ތައްޔާރު ނުވެ ތިބީ ނޭނގިކަމަށް ބުނެވޭކަށް ނެތެވެ. މިއީ ކުންފުނީގެ މާލީ ހާލާތާއިވެސް ގުޅިފައި އޮތް ކަމަކަށްވާއިރު އަސާސީ ޚިދުމަތެއް ރޯދަމަހު ކެނޑެން ޖެހުމަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތް ދެމުންދާ ކުންފުނިން ކުރިއާލާ ވިސްނަން ޖެހޭ ކަމެކެވެ. އަސާސީ ޚިދުމަތް ލިބިގަތުމަށް ރައްޔިތު މިހާއަށް ތަކުލީފަކަށް ވެގެން ނުވާނެއެވެ. މިއީ ސަރުކާރައި ޚިދުމަތްދޭން ތިބި ކުންފުނީގެ ވެރިން ވިސްނަން ޖެހޭ ކަމެކެވެ.