މިހާރު ޝޫޓިން ފަށާފައި އޮތް "ވޯ 2" ގެ މަސައްކަތަށް ރިތިކް ރޯޝަން ދޭން ހަމަޖެހިފައި ވަނީ 100 ދުވަސް ކަމަށާއި އެހެންވެ ޝޫޓިން ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އޭނަ ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭނެ ކަމަށާއު ކުރިއަށް އޮތް ދުވަސްތަކުގައި ރިތިކް އެ މަންޒަރުތަކުގެ ޝޫޓިން ކުރިއަށް ގެންދާނެ ކަމަށެވެ.
"ވޯ 2" އަކީ ޖެނުއަރީ މަހު ރިތިކްގެ "ފައިޓާ" ގެނެސްދިން ސިދާތު އާނަންދު ޑައިރެކްޓްކޮށް 2019 ގައި ގެނެސްދިން "ވޯ" ގެ ސީކްއެލް އެވެ. އޭގައި އޭނައާ އެކީ ޓައިގާ ޝްރޮފް ވެސް މުހިއްމު ރޯލެއް ކުޅުނެވެ. ނަމަވެސް ސީކްއެލްގައި ރިތިކާ އެކީ މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ މަސައްކަތްކުރާ އިރު، "ވޯ 2" ގެ ޑައިރެކްޓަރަކީ އަޔާން މުކަރްޖީ އެވެ.
އޭނަ އަކީ 2022 ގެ "ބުރައްމަސްތުރާ" ގެ ޑައިރެކްޓަރެވެ.
ދާދ ފަހުން އަޔާން ވަނީ ރިތިކާއި އެންޓީއާރްގެ ބަދަލުގައި ޑަބަލް ސްޓަންޓްމޭންތަކެއް ބޭނުންކޮށްގެން ސްޕެއިންގައި "ވޯ 2" ގެ އެކްޝަން މަންޒަރުތަކެއް ވެސް ޝޫޓްކޮށްފަ އެވެ.
މީޑިއާތަކުން ބުނީ މި ފިލްމަށް ރިތިކް ވަގުތު ހުސްކޮށްފައިވާ އިރު، މިއީ އޭނަ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ޝޫޓިން ނިންމާނެ ފުރަތަމަ ފިލްމު ކަމަށެވެ. ބެލެވޭ ގޮތުން "ވޯ 2" އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ސިނަމާތަކަށް ގެންނާނެ އެެވެ. އެކަމަކު މި ފިލްމު ރަސްމީކޮށް ވައިއާރްއެފުން އިއުލާން ނުކުރާތީ އެކަން އަދި ކަށަވަރެއް ނުވެ އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ވޯ 2" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.