Last Updated: July 15, 18:06
Thursday, July 16, 2026
ދުނިޔެ

ޝޯމީގެ އީވީ މި މަހު ވިއްކަން ފަށަނީ

ޗައިނާގެ މަޝްހޫރު ޓެކް ކުންފުނި، ޝޯމީން އުފައްދާފައިވާ ކުންފުނީގެ ފުރަތަމަ އިލެކްޓްރިކް ވެހިކަލް އީވީ) މޮޑެލް މި މަހުގެ ތެރޭގައި ވިއްކަން ފަށަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ އިލެކްޓްރިކް ކާރު މި މަހުގެ ތެރޭގައި ވިއްކަން ފަށާ އިރު، އޭގެ އަގު މި މަހުގެ 28 ގައި އިއުލާން ކުރާނެ ކަމަށެވެ. ޝޯމީން ބާޒާރަށް އީވީ ނެރޭ އިރު، އެ ކުންފުންޏަކީ ޗައިނާގައި ސްމާޓްފޯނު އުފައްދާ ކުންފުނިތަކުގެ ތެރެއިން ފަސް ވަނަ އަށް އެންމެ ބޮޑު ކުންފުންޏެވެ.

ޝޯމީން އީވީ އުފައްދަން ނިންމައި އެކަމަށް ހާއްސަ ސަބްސިޑަރީ ކުންފުންޏެއް އުފައްދައި އެކަން ރަސްމީކޮށް އިއުލާންކުރީ ސެޕްޓެމްބަރު 1، 2021 ގަ އެވެ.

އެ ކުންފުނީގެ ނަމަކީ ޝޯމީ އީވީ ކޮމްޕެނީ ލިމިޓެޑެވެ. މި ކުންފުނި އުފެއްދީ ސެލްފް-ޑްރައިވިން ޓެކްނޮލޮޖީ އަށް މަސައްކަތްކުރާ "ޑީޕްމޯޝަން" ވެސް ގަތުމަށް ފަހު އެވެ. ޝޯމީން ބުނެފައިވާ ގޮތުގައި އީވީ ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ކުރިއަށް އޮތް 10 އަހަރަށް 10 ބިލިއަން ޑޮލަރު ކުންފުންޏަށް އިންވެސްޓްކުރާނެ އެވެ.

އީވީ އުފައްދަން ނިންމިކަން 2021 ގައި އިއުލާންކުރި އިރު ވެސް ޝޯމީގެ އަމާޒަކަށްވެފައި އޮތީ މި އަހަރު ކާރު ބާޒާރަށް ނެރުމެވެ. ޝޯމީގެ ފުރަތަމަ އީވީ މޮޑެލް އަކީ މިދިޔަ އަހަރު ދައްކައި ވެސް ލި ސްޕީޑް އަލްޓްރާ (7 އެސްޔޫ7) އެވެ.

ޝޯމީގެ ޗީފް އެގްޒެކެޓިން ލީ ޖޫން ވިދާޅުވެފައި ވަނީ ކުންފުނީގެ އަމާޒަކީ ކާރު އުފައްދާ އެންމެ ވަރުގަދަ ފަސް ކުންފުނީގެ ތެރޭގައި ހިމެނުން ކަމަށެވެ.

އީވީގެ މާކެޓްގައި މިހާރު ރަަސްކަންކުރާ ކުންފުންޏަކީ މަހުޖަނު އީލޮން މަސްކްގެ ޓެސްލާ އެވެ.