Last Updated: May 3, 13:49
Friday, May 3, 2024
ކުޅިވަރު

އާސެނަލް 14 އަހަރަށް ފަހު ކުއާޓާ އަށް

ޕެނަލްޓީގައި 4-2 އިން ޕޯޓޯ ބަލިކޮށް، އާސެނަލުން 14 އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އާސެނަލް އެންމެފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި ކުޅުނީ 2010 ވަނަ އަހަރު އެވެ. އެފަހަރު ކުއާޓާފައިނަލްގައި އާސެނަލް ވަނީ ބާސެލޯނާ އަތުން ބަލިވެފަ އެވެ.

ޕޯޓޯ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން ޕޯޓޯ ކާމިޔާބު ކުރިއިރު ރޭގެ މެޗުގެ 41 ވަނަ މިނެޓްގައި މާޓިން އޮޑެގާޑް ދިން ރީތި ޕާހަކުން ލިއަންޑްރޯ ޓްރޮސާޑް ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. އެއާއެކު މި ދެ ޓީމުގެ އެގްރިގޭޓް އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

ދެވަނަ ހާފުގައި އާސެނަލުން އިތުރު ގޯލެއް ކާމިޔާބު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރިއިރު، ޕޯޓޯގެ ޑިފެންސްލައިން ފޫއަޅުވާލުމުގައި އެޓީމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. މެޗުގެ ފުރިހަަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅެ ނިމުނުއިރު ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައި ނެތުމުން ނަތީޖާ ދެން ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި އާސެނަލުން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ، އޮޑެގާޑް، ހަވެޓްޒް، ބުކާޔޯ ސަކާ އަދި ޑެކްލަން ރައިސް އެވެ. ޕޯޓޯ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ ވަނީ މަތަކޮށްފަ އެވެ. އެއީ ވެންޑެލް އާއި ގަލޭނޯ ޖެހި ޕެނަލްޓީ އެެވެ. ޕޯޓޯގެ ދެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ މާކޯ ގްރުޔިޗް އާއި ޕެޕޭ އެވެ.

ކުއާޓާގައި އާސެނަލް ބައްދަލުކުރަންޖެހޭ ޓީމެއް އެނގޭނީ މި މަހުގެ 15 ގައި ނަގާ ގުރުއަތުލުމުންނެވެ.