Last Updated: May 3, 06:00
Friday, May 3, 2024
ދުނިޔެ

ގާޒާގެ 17،000 ކުއްޖަކު އާއިލާތަކާ ވަކިވެއްޖެ

އިޒްރޭލުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ގާޒާގެ 17،000 ކުޑަކުދިން އާއިލާތަކާ ވަކިވެފައިވާ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ "ފަލަސްތީން ރިޓާން ސެންޓަރ"އިން އާންމުކުރި ރިޕޯޓުގައި ވަނީ ފަލަސްތީނުގެ އެކި ހިސާބުތަކުގައި އިޒްރޭލު ސިފައިން ކުޑަކުދިންނާ މެދު އަމަލުކުރަމުންދާ ގޮތުގެ މައުލޫމާތު ހިމަނާފަ އެވެ. މި ރިޕޯޓު މިހާރު ވަނީ އ.ދ އަށް ހުށަހަޅާފަ އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހަނގުރާމައިގައި މިހާތަނަށް 12،000 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފަ އެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިންނަށް ދިރިއުޅުން އެއްކޮށް ބަދަލުކޮށްލާ ފަދަ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

ހަނގުރާމަ އަށް ފަސް މަސް ދުވަސްވެފައިވާއިރު 17،000 އަށް ވުރެ ގިނަ ކުޑަކުދިން އާއިލާތަކާ ވަކިވެފައިވާ ކަމަށް ޔުނިސެފްއާ ހަވާލާދީ ރިޕޯޓުގައިވެ އެވެ. އަދި ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރިން 200 ކުދިން އިޒްރޭލު ސިފައިން ހައްޔަރުކޮށްފައިވާ ކަމަށާއި މިގޮތަށް ހައްޔަރުކުރާ ކުދިންނަށް ބޮޑެތި އަނިޔާތައް ދޭ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން މި ރިޕޯޓުގައި ވަނީ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ އެކި ހިސާބުތަކުގައި ކުޑަކުދިން ތަހައްމަލު ކުރަމުންދާ ކަންކަން ފަރުދާގެ ފުރަގަހަށް ނުލުމަށާއި މިއީ ވެސް ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކެއްގެ ގޮތުގައި ދެކުމަށް ވެސް ރިޕޯޓުގައި ވަނީ ގޮވާލާފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 31،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.