Last Updated: April 27, 20:01
Saturday, April 27, 2024
ޚަބަރު

ހިތަދޫ އީދިގަލި ޓޫރިޒަމް ތަރައްގީ ކުރަން ބީލަމަށް

އައްޑޫ ހިތަދޫ އީދިގަލި ޓޫރިޒަމް ޒޯން ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލައިފި އެވެ.

އެތަނުން ނެރުނު އިއުލާންކޮށްފައި ބުނީ މި ފުރުސަތު ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އިންވެސްޓަރުންނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އީދިގަލި ޓޫރިޒަމް ޒޯންގައި ސިޓީ ހޮޓަލެއް ހިމެނޭ ގޮތަށް އެ ތަނުގައި އިތުރު ޓޫރިޒަމް ފެސިލިޓީތައް ވެސް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 26 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.

ކައުންސިލުން ބުނީ ހިތަދޫ އީދިގަލި ޓޫރިޒަމް ތަރައްގީކުރަން ޝައުގުވެރުވާ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 21 އާ ހަމައަށް ބިޑް ޑޮކިއުމަންޓް ވިއްކާނެ ކަމަށެވެ. ދިވެހިންނަށް ބިޑް ޑޮކިއުމަންޓް ވިއްކާނީ 10،000ރ. އަށެވެ. އަދި ބިދޭސީ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކާނީ 700 ޑޮލަރަށެވެ. ކައުންސިލްގެ ވެބްސައިޓް www.adducity.gov.mv އިން ބިޑް ޑޮކިއުމަންޓާ ގުޅޭ ފޯމް ޑައުންލޯޑް ކުރެވޭނެ އެވެ. އަދި އެ ފޯމް ފޮނުވަން ޖެހެނީ މި finance@adducity.gov.mv މެއިލަށެވެ.

ކައުންސިލުން ބުނީ އީދިގަލި ޓޫރިޒަމް ޒޯނުން 21,007.39 އަކަފޫޓް ދޫކުރާނެ ކަމަށެވެ. ބިމުގެ މުއްދަތަކީ 50 އަހަރު ކަމަށެވެ.

އީދިގަލި ޓޫރިޒަމް ޒޯނަކީ އައްޑޫގައި ލޯކަލް ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރުމަށްޓަކައި ކަނޑައެޅި ފަސް ޓޫރިޒަމް ޒޯންގެ ތެރެއިން އެއް ޒޯނެވެ.

މި ޒޯންތަކުން 2021 ގައި އެކި ފަރާތްތަކާ ބިން ދީފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ބިމެއްގައި އަދި ޓޫރިސްޓް ފެސިލީޓިއެއް ހަދައިފައެއް ނުވެ އެވެ.