Last Updated: April 29, 09:25
Monday, April 29, 2024
މުނިފޫހިފިލުވުން

ޓޮމް ހާޑީގެ "ވެނަމް 3" އޮކްޓޯބަރުގައި

ކުރިން މި އަހަރުގެ ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް އެކްޓަރު ޓޮމް ހާޑީގެ ސުޕަހީރޯ ފިލްމު ސީރީޒް "ވެނަމް" ގެ ތިން ވަނަ ބައި އޮކްޓޯބަރަށް އަވަސްކޮށްފި އެވެ.

މާވެލް ސްޓޫޑިއޯ އާއި ސޮނީ ޕކްޗާސް އިން އިން ބުނީ ކުރިން ނޮވެމްބަރު 8 ގައި ސިނަމާތަކަށް ގެންނަން ނިންމި ފިލްމު މިހާރު ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު 25 އަށް ކަމަށެވެ. "ވެނަމް 3" ގެ ރަސްމީ ނަމަކީ "ވެނަމް: ދަ ލާސްޓް ޑާންސް" ކަމަށެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ކެލޯ މާސެލް އެވެ. ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔެފައި ވަނީ އޭނަ އެވެ. އެއީ ހާޑީގެ ވާހަކައަކަށެވެ.

ރުބެން ފްލީޝާ ޑައިރެކްޓްކޮށް "ވެނަމް" ގެނެސްދިނީ 2018 ގަ އެވެ. ޖުމްލަ 116 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 856.1 މިލިއަން ޑޮލަރު ލިބުނެވެ. އެންޑީ ސާކިސް ޑައިރެކްޓްކުރި "ވެނަމް: ލެޓް ދެއާ ބީ ކާނޭޖް" އަކީ 506.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެވެ. މީގެ ބަޖެޓަކީ 110 މިލިއަން ޑޮލަރެވެ.

"ވެނަމް: ދަ ލާސްޓް ޑާންސް" ގެ ވެސް ބަޖެޓަކީ 110 މިލިއަން ޑޮލަރެވެ.