Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލުގެ ބަހުސް ފަށައިފި

މެންބަރު އަޙްމަދު އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެންޓި-ޑިފެކްޝަން ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲއެވެ.

މި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި، ރަށުކައުންސިލް ތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުންކަމަށެވެ.

މި ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ހުސްވާނެ ހާލަތްތަކާއި ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ ގޮނޑި ހުސްވާނެ ހާލަތްތައް ބަޔާންކޮށްފައެވެ.

މި ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ފަށާފައިވާއިރު އިދިކޮޅު މެންބަރުން އަންނަނީ މި ބިލަށް ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ.