Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ހިތަދޫގެ އިތުރު މަގުތަކެއްގައި މި އަހަރު ތާރު އަޅަނީ

ހިތަދޫގެ ފެން ބޮޑުވެފައިވާ މަގަކުން ބަޔަކު ހުރަސް ކުރަނީ: އެ ރަށުގެ އިތުރު ހަ މަގެެއްގައި ތާރު އަޅަން ވަނީ ނިންމާފައި. ފޮޓޯ/ އައްޑޫ ލައިވް

ސ. ހިތަދޫގެ އިތުރު މަގުތަކެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ސަދަން ޔޫޓިލިޓީޒް ލިމިޓެޑް(އެސްޔޫއެލް) އިން ބުނެފި އެވެ.

އެސްޔޫއެލް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހޭރު (އަބްހަރީ ޒުހޭރު) "އައްޑޫ ލައިވް" އަށް ވިދާޅުވީ ހިތަދޫގެ ހަ މަގެއްގައި ތާރު އަޅައިގެން ހެދުމަށް ނިންމައި، އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ޒުހޭރު ވިދާޅުވީ ހިތަދޫ ލިންކް ރޯޑާއި ހިތަދޫ ބޮޑު މަގާ ދެމެދުގެ ހުރަސް ހަ މަގެއް ތާރު އަޅައިގެން ހެދުމަށް ނިންމާފައިވާ އިރު މިހާރު ކުރިއަށް ދަނީ އެ މަގުތައް ޕްލޭން ކުރުމުގެ މަސައްކަތް ކަމަށެވެ.
އެހެން ނަމަވެސް އެ މަގުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ސީދާ ދުވަހަކާއި ހެދުމަށް ނިންމާފައި ވަނީ ކޮން މަގުތަކެއް ކަމެއް ޒުހޭރު ވިދާޅެއް ނުވެ އެވެ. އެކަމަކު މި އަހަރު ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް އެސްޔޫއެލް އިން ބުންޏެވެ.

ހިތަދޫ ބޮޑު މަގާއި ލިންކް ރޯޑްގެ އިތުރުން ފަޒާ މިސްކިތް ހުންނަ މަގަކީ މިހާރު ވެސް ތާރު އަޅައިގެން ހަދާފައިވާ މަގުތަކެވެ. މީގެ އިތުރުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑު މަގުގައި ތާރު އަޅައިގެން ހެދުމުގެ މަަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އައްޑޫގެ އެހެން ރަށްރަށުގެ މަގުތައް ވެސް ކުރިއަށް އޮތް ތަނުގައި ތާރު އަޅައިގެން ހަދާނެ ކަމަށް އެެސްޔޫއެލް އިން ބުންޏެވެ.

އެ ތިން ރަށު މަގު ހަދައި ދެނީ ސްރީ ލަންކާ ސަރުކާރުގެ 11 މިލިއަން ޑޮލަރުގެ އެހީގަ އެވެ. އަދި މަގު ހެދުމުގެ އަމަލީ މަަސައްކަތް ވެސް ކުރަމުން އަންނަނީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އިންޓަނެޝަނަލް ކޮންސްޓްރަކްޝް ކޮންސޯޓިއަމް (އައިސީސީ) އިންނެވެ.
މި މަޝްރޫއު ފަށާފައި ވަނީ ސެޕްޓެމްބަރު 6، 2012 ގަ އެވެ.