Last Updated: April 29, 09:09
Monday, April 29, 2024
މުނިފޫހިފިލުވުން

ސިދާތު އަނެއްކާ ވެސް އެކްޝަން މޯޑަށް

އަންނަ ހުކުރު ދުވަހު އެކްޝަން ތުރިލާ "ޔޯދާ" ސިނަމާތަކަށް ދޫކޮށްލަން ތައްޔާރުވަމުން ދަނިކޮށް ބޮލީވުޑްގެ ތަރި ސިދާތު މަލްއުތުރާ އަނެއްކާ ވެސް އެކްޝަން ފިލްމަކަށް ސޮއިކޮށްފި އެވެ.

ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ މިދިޔަ ހަފުތާގައި ރިލީޒްކުރި ރަންދީޕް ހޫޑާ އާއި އިލިއާނާ ޑި ކްރޫޒްގެ "ތޭރާ ކިޔާ ހޯގާ ލަވްލީ" ގެ ޑައިރެކްޓަރު ބަލްވިންދަރު ސިންގް ޖަނޫޖާގެ ފިލްމެކެވެ. އާ ފިލްމާ ބެހޭ ގޮތުން އޭނަ ބޮލީވުޑް ހަންގާމާ އަށް ބުނީ އުތުރާކަންދުގައި މައިގަނޑު މަންޒަރުތައް ޝޫޓްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ހިތްދަތި މާޒީއެއް އޮންނަ މީހަކު އަމިއްލަ ވަޒަނުގެ ދިފާއުގައި ކުރާ މަސައްކަތްތަކެއް ދައްކުވައި ދޭނެ އެއްޗެއް ކަމަށެވެ.

ފިލްމުގެ ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

"އަހަރެން ބުނާނީ މިއީ ސިދާތުގެ ވަރަށް ތަފާތު ރޯލެއް ފެންނާނެ ފިލްމެކޭ." ބަލްވިންދަރު ބުންޏެވެ.

ހައިޖެކްކުރާ މަދިންތާބޯޓެއް ސަލާމަތް ކުރަން މަސައްކަތްކުރާ ސިފައިންގެ މީހެއްގެ ރޯލު ސިދާތު ކުޅެފައިވާ "ޔޯދާ' އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެކެވެ. ސާގަރް އަމްބްރޭ އާއި ޕުޝްކާރް އޯޖާ ޑައިރެކްޓްކުރި ފިލްމުގެ ބަތަލާއިންނަކީ ޑިޝާ ޕަޓާނީ އާއި ރާޝީ ކަންނާ އެވެ.