އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސްގެ މަގާމަށް އެކޮމިޝަންގެ މެންބަރު އަލީ ނަޝާތު އައްޔަނު ކޮށްފިއެވެ.
އީސީން ބުނެފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ އާންމު ޖަލްސާއިން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް އއ. ފެރިދޫ، ހާލި، އަލްފާޟިލް އަލީ ނަޝާތު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު 7 ވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަނުގެ ރައީސަކާއި، ނައިބު ރައީސަކު އައްޔަންކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، ކޮމިޝަނުގެ މެންބަރުން ކަމަށެވެ. އަދި މިގޮތުން ކޮމިޝަނުގެ ރައީސަކާއި، ނައިބު ރައީސަކަށް އައްޔަންކުރާ ބަޔަކު، އެމަޤާމަށް އައްޔަންކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނުން އަންގަންވާނެ ކަމަށެވެ.
އީސީގެ ނައިބު ރައީސްގެ މަޤާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް މަގާމުގެ ދައުރު ހަމަވެ މެންބަރުކަމުން ވަކިވެވަޑައިގަތުމުންނެވެ.