ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވިއިރުހުރި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ދޫކޮށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބަދަލުވީ އެމްޑީޕީގެ ލީޑަރުން އޭނާ ބަލައިނުގަނެ އެހެންގޮތެއް ހޯދުމަށް ވިލަރެސް ކޮމިޓީގައި އެދުމުން ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭ ބިލަށް ބަހުސްކޮށް ވާހަކަ ދައްކަވަމުން ހަސަން އަހުމަދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އަމަލުތައްވެސް ރަނގަޅުވާންޖެހޭ ކަމަށެވެ.
އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ބަދަލުވި މެންބަރުންގެ ތެރޭގައި ހިމެނޭ ހަސަން އަހުމަދު މީގެކުރިން ޕާޓީ ބަދަލުކުރި ސަބަބު ހާމަކޮށްފައިނުވާއިރު މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވި އޭނާ ޕާޓީ ބަދަލުކުރީ، ޕާޓީން އޭނާ ބަލައިނުގަތުމުން ކަމަށެވެ.
"އިހުލާސްތެރިކަމާ ތެދުވެރިކާއެކީ ގިނަ ދުވަހު މަސައްކަތްކުރި ޕާޓީ ބަދަލުކުރީ، އެޕާޓީގެ ލީޑަރުން އަޅުގަނޑު ބަލައިނުގަނެ އަޅުގަނޑު ނޫން ގޮތެއް ހޯދަން ވިލަރެސް ކޮމިޓީގައި ވިދާޅުވެފައި އޮތީމަ، މިއަދު ރާއްޖޭގެ ރައްޔިތުންނަށާ އަޅުގަނޑު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން." ހަސަން އަހުމަދު ވިދާޅުވިއެވެ.
ހަސަން އަހުމަދު ވިދާޅުވީ އޭނާގެ ދާއިރާގެ ރައްޔިތުން ދޫކޮށް ނުލާނެ ކަމަށާއި، ސިޔާސީ ލީޑަރުންގެ ތާއީދަށްވުރެއް އަދި ޕާޓީގެ ރައީސެއްގެ ތާއީދަށްވުރެއް ބޭނުންވަނީ ރައްޔިތުންގެ ލޯބި ކަމަށެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ހަސަން އަހުމަދު ވަނީ، އިހުލާސްތެރިކަމާއެކު މަސައްކަތްކުރާނަމަ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އަދި ކައުންސިލްތަކުގެ އިންތިހާބު އެއްކޮށް ބާއްވާގޮތަށް ޤާނޫނުއަސާސީއަށް ބަދަލެއް ގެންނަން ގޮވާލާފައެވެ.