މިދިޔަ ފެބްރުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 2.3 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 33.7 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. މިއީ މި އަހަރުގެ ފެބްރުއަރީ މަހުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 22.3 އިންސައްތަ ގިނަ އަދަދެކެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު މި އަހަރުގެ ފެބުރުއަރީގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
މިގޮތުން، މިދިޔަ އަހަރުގެ ޖަނަވަރީއާ އަޅާބަލާއިރު މި އަހަރުގެ ޖަނަވަރީގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 11.5 އިންސައްތަ އިތުރުވުމުގެ ސަބަބުން، ފެބްރުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ ފެބްރުއަރީއާ އަޅާބަލާއިރު އިތުރުވެފައިވާކަން މީރާއިން ފާހަގަކުރި އެވެ.
މީގެއިތުރުން، އެކްސްޕަޓްރިއޭޓް ކޯޓާ ފީ އިން އާމްދަނީ ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ކަމުގައިވާތީ، އެ އަހަރުގެ ފެބްރުއަރީ މަހު މި އާމްދަނީ ބަލައިގެންފައިނުވާތީ އަދި މި އަހަރު މި އާމްދަނީ ބަލައިގެންފައިވާތީ، މިދިޔަ އަހަރާ އަޅާބަލާއިރު ޖުމްލަކޮށް ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަން ވެސް މީރާއިން ފާހަގަކުރި އެވެ.
ހަމައެއާއެކު، ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ސުންގަޑިއަށް ދައްކާފައިނުވާ ބައެއް ފައިސާ، މި މުއްދަތުގެ ތެރޭގައި ލިބިފައިވާތީ، ފެބުރުއަރީ މަހު ލިބިފައިވާ އާމްދަނީ އިތުރުވެރިވާކަމަށް މީރާއިން މައުލޫމާތުދެ އެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، ފެބްރުއަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ އާމްދަނީ އިތުރުވި މަައިގަނޑު ސަބަބުތަކަކީ، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމާއި ބޭންކް އިންކަމް ޓެކްސްއާއި ޓޫރިޒަމް ލޭންޑް ރެންޓް ދައްކަންޖެހޭ ސުންގަޑިއަށް ދައްކާފައިނުވާ ބައެއް ފައިސާ، މި މުއްދަތުގެ ތެރޭގައި ލިބިފައިވުމެވެ. މީގެއިތުރުން ޖެނުއަރީ މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 4 އިންސައްތަ އިތުރުވުމަކީ ވެސް ފެބްރުއަރީގެ އާމްދަނީ، އަންދާޒާކުރިވަރަށްވުރެ އިތުރުވި ސަބަބެއްކަމަށް މީރާއިން ބުނެ އެވެ.
ފެބްރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ އާމްދަނީގެ 70.1 އިންސައްތަ ނުވަތަ 1.63 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 10.6 އިންސައްތަ ނުވަތަ 246.36 މިލިއަން ރުފިޔާ އެވެ. މީގެއިތުރުން ގްރީން ޓެކްސްގެ ގޮތުގައި 102.85 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 91.08 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 89.48 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 168.78 މިލިއަން ރުފިޔާ މީރާއިން ބަލައިގެންފައިވެ އެވެ.
ފެބްރުއަރީ ގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 100.34 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނޭކަމަށް މީރާއިން މައުލޫމާތުދެ އެވެ.