Last Updated: July 22, 09:48
Wednesday, July 22, 2026
ޚަބަރު

އިހަވަންދިއްޕޮޅުގެ ބަންކަރިން މަޝްރޫއު އެހެން ކުންފުންޏަކަށް

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރި ކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝިމާދު އިބްރާހީމެވެ. އަދި ވިޓޯލް ގުރޫޕުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގްއެވެ. އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެސްޓީއޯ އިން ބުނީ މި އެއްބަސްވުމުގެ ދަށުން ވިޓޯލް އިން ރާއްޖެ ބަންކަރިން ހަބެއްގެ ގޮތުގައި ދުނިޔެ އަށް މާކެޓް ކުރާނެ ކަމަށާއި މީގެ ސަބަބުން މި ދާއިރާގައި ރާއްޖޭގެ ގާބިލުކަން ކުރިއަރައިގެންދާނެ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ގާއިމްކުރަން ނިންމާފައިވާ ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ބަންކަރިން ފެސިލިޓީއެއް ގާއިމް ކުރުމާ ގުޅޭ އެއްބަސްވުމެއް ކުރީ ސަރުކާރުގައި އެސްޓީއޯއިން ވަނީ މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގްއާ އެކު ވެސް މީގެކުރިން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމަކީ އެކަން ފަށަން އެއްބަސްވުމަކަށް ދެވިދާނެތޯ ބެލުމަށް ހެދި އެއްބަސްވުމެއް ކަމަށް ސައީދު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.