މީގެ ހަފުތާއެއްހާ ދުވަސް ކުރިން ތާޒާ ޖޫހަށް ހާއްސަކޮށްގެން ހިތަދޫގައި ނެރުނު "ޖޫސް ގާޑިއާ" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ގާޑިއާ އިން ބުނެފި އެވެ.
ސޯލާ އިން އުފައްދާ ކަރަންޓް ވެސް މުޅިން ބޭނުން ކުރާ ގާޑިއާގެ ވެރިޔާ އަބްދުﷲ އަސްރާރު ބުނީ އައްޑޫގައި ހުރި އެހެެން ވިޔަފާރި ގާޑިއާތަކާއި އޭނާގެ ގާޑިއާގެ ހިދުމަތް މުޅިން ތަފާތު ވާނެ ކަމަށެވެ.
އަސްރާރުގެ ގާޑިއާގެ ހާއްސަ ކަމަކީ ތާޒާ މޭވާ އިން ތައްޔާރު ކުރާ ޖޫހަށް އެ ގާޑިއާ ހާއްސަވުމެވެ. އެހެންވެ އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.
ޖޫހުގެ އިތުރަށް މި ގާޑިއަލުން ދެން ލިބެނީ ސޭންޑްވިޗާއި ހޮޓް ޑޯގާއި ޓޯސްޓް ކަހަލަ ލުއި ބާވަތްތަކެވެ.
އަސްރާރު ބުނީ އޭނާގެ ގާޑިއަލުން ވަަރަށް ގިނަ ބާވަތްތަކުގެ މޭވާ އިން ތައްޔާރު ކުރާ ޖޫސް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ކަރާ، އަނބު، ޖުމްހޫރީ މާވޭ، އަންނާރު، އާފަލު، އޮރެންޖް، ލުނބޯ އަދި ކުރުނބާ ފަނި ވެސް ހިމެނެ އެވެ.
ހެނދުނު 9:00 އިން ރޭގަނޑު 12:00 އާ ހަމައަށް ހިދުމަތްދޭ މި ގާޑިއަލުން ހިދުމަތް ހޯދާ ބައެއް މީހުން "އައްޑޫ ލައިވް" އަށް ބުނީ ދުއްވާލަން ނިކުމެ އުޅެފައި ވަރުބަލިވުމުން މިހާރު އާންމުކޮށް މިސްރާބު ޖަހައި ލެވެނީ ޖޫސް ގާޑިއަލާ ދިމާއަށް ކަމަށެވެ.
ހިތަދޫ ލިންކް ރޯޑަށް ޖޮގިން އަށް ނިކުންނަ މީހުންނަށް ވެސް ޖޫސް ގާޑިއާވެގެން ދިޔައީ ވަރަށް މަގުބޫލް އެއްޗަކަށެވެ.
"ދުވެ ނިންމާލައި ގާޑިއަލަށް ގޮސް ކޮންމެވެސް ވައްތަރެއްގެ ޖޫހެއް ބޮއެލައިގެން މިހާރު ގެއާ ހަމަ ދެވޭނީ،" ކޮންމެ ދުވަހަކު ޖޮގިން އަށް ނިކުންނަ ޒުވާނަކު ބުންޏެވެ.


