Last Updated: April 29, 12:48
Monday, April 29, 2024
ޚަބަރު

ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ އިން ޖޫރިމަނާކޮށްފި

އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް - ފޮޓޯ: މިނިސްޓްރީ

ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުން ހޯދުމަކާ ނުލައި ޅ. ހިންނަވަރުގައި މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމާ ގުޅިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން އެންވަޔަރަމަންޓަލް ޕްރޮޓްކްޝް އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.

އީޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިންނަވަރުގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން އެ އެޖެންސީން ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތްކުރުމާއި ގުޅިގެން އެ މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، އެ މިނިސްޓްރީއާ އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑެވޮލަޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

ހިންނަވަރުގެ މަގު ހެދުމުގެ މަޝްރޫޢުގެ އީއައިއޭ އާއި ޚިލާފަށް، އީއައިއޭ ގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތްކުރުމާ ގުޅިގެން، އެ މަސައްކަތުގެ އެދިޔާރަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ކަމުގައިވާތީ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން އެ މިނިސްޓްރީ 200,000ރ. އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ.

އީޕީއޭ އިން ވަނީ މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އަށް އަންގާފަ އެވެ.