Last Updated: May 3, 18:13
Friday, May 3, 2024
ކުޅިވަރު

ކުއާޓާގެ ފަހު ދެ ޖާގަ އެތުލެޓިކޯ އާއި ޑޯޓްމަންޑަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގެ މެޗުތަކުން މޮޅުވެ، މުބާރާތުގެ ކުއާޓާފައިނަލްގެ ފަހު ދެ ޖާގަ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ހޯދައިފި އެވެ.

މިދިޔަ އަހަރުގެ ރަނަރަޕް އިންޓަ މިލާނުން ފުރަތަމަ ލެގުގައި 1-0 އިން އެތުލެޓިކޯ ބަލިކުރި ނަމަވެސް ދެ ވަނަ ލެގުގައި ފުރިހަމަ ވަގުތު ހަމަވިއިރު 2-1 އިން ބަލިވެ، އެގްރިގޭޓް 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި އެތުލެޓިކޯ މޮޅުވީ 3-2 އިންނެވެ.

ފުރަތަމަ ލެގުގައި ޕީއެސްވީ ދަނޑުގައި ޑޯޓްމަންޑް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ރޭ އަމިއްލަ ދަނޑުގައި ޑޯޓްމަންޑް ކުޅުނު މެޗުން 2-0 އިން މޮޅުވެ، އެގްރިގޭޓް ނަތީޖާ އިން 3-1 އިން ކުރި ހޯދައިގެން ޑޯޓްމަންޑް ވަނީ ކުއާޓާ އިން ޖާގަ ހޯދާފަ އެވެ.

އެތުލެޓިކޯ ދަނޑުގައި ރޭ ކުޅުނު މެޗުގައި އިންޓަގެ ފެޑެރީކޯ ޑިމާކޯ ވަނީ 33 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އޭގެ ދެ މިނިޓް ފަހުން، އެންޓޮއިން ގްރީޒްމަން ވަނީ އެތުލެޓިކޯ އަށް އެއްވަރުކޮށްދީފަ އެވެ. ދެވަނަ ހާފުގައި އިންޓަ އަށް ލީޑު ނަގައިދޭން މާކަސް ތުރާމް އާއި ނިކޯ ބަރެއްލާ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް، މެމްފިސް ޑިޕާއި ވަނީ އެތްލެޓިކޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފަ އެވެ.

އެއާއެކު އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނުއިރު، އެ ދެ ހާފު ކުޅެގެން ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައި ނުވުމުން ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ. ޕެނަލްޓީގައި އިންޓަގެ އެލެކްސިސް ސަންޗޭޒް އާއި ޑޭވީ ކްލާސެން ފޮނުވާލި ޕެނަލްޓީތައް އެތްލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަކް މަތަކުރިއިރު އިންޓަގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

އެތްލެޓިކޯ އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ ސައުލް ޖެހި ޕެނަލްޓީ އެކަންޏެވެ. އެތްލެޓިކޯގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޑެޕާއި އާއި ރޮޑްރިގޯ ރިކެލްމީގެ އިތުރުން އެންހެލް ކޮރީއްޔާ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޑޯޓްމަންޑަށް ލީޑުނަގައިިދިނީ، ތިން ވަނަ މިނިޓްގައި ޖޭޑަން ސަންޗޯ އެވެ. ޑޯޓްމަންޑުން ދެ ވަނަ ގޯލު ޖެހީ، މެޗުގެ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ފުލްކްރޫގް ދިން ބޯޅައަކުން ޑޯޓްމަންޑްގެ ދެ ވަނަ ގޯލު ޖެހީ، ދެވަނަ ހާފުގައި ކުޅެން އެރި މާކޯ ރެއުސް އެވެ.

އެތުލެޓިކޯ އާއި ޑޯޓްމަންޑްގެ އިތުރުން ކުއާޓާ ފައިނަަލަށް ދަތުރުކުރީ، އާސެނަލާއި ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑާއި، ޕީއެސްޖީގެ އިތުރުން ބަޔާން މިއުނިކެވެ. ކުއާޓާފައިނަލްގެ ގުރުއަތުލުން މާދަމާ އޮންނާނެ އެވެ.