Last Updated: April 28, 21:57
Sunday, April 28, 2024
ރިޕޯޓް

ﷲ ތަޢާލާގެ ޒިކުރު ކުރުމުގެ ފައިދާތައް

ހެއްދެވި ފަރާތަށް ޒިކުރު ކުރުމަކީ ވަރަށް މާތް އަމަލެކެވެ. މިއީ އިންސާނާގެ ހަޔާތުގެ ކޮންމެ ވަގުތެއް، ކޮންމެ ހިނދުކޮޅެއްގައި ވެސް ކުރެވިދާނެ މާތް އަޅުކަމެކެވެ. ލުއި އެކަމަކު މީޒާނަށް ބަރު އަމަލެކެވެ. ވީމާ ޒިކުރު ކުރުންމަތީ އަބަދު ދެމިހުންނަން ޖެހެ އެވެ. ތިމާގެ ދޫ ޒިކުރުތަކުން ތެތްކޮށް ބަހައްޓަން ޖެހެ އެވެ.

މާތް ﷲ އަށް ޒިކުރު ކުރުމަކީ އެކަމުގައި ގިނަގުނަ އެތައް ފައިދާތަކެއް އެކުލެވޭ ކަމެކެވެ. އެހެންވެ ވީ ކޮންމެ ތަނެއްގައި، ވީ ކޮންމެ ކަމެއްގެ ތެރޭގައި، ވީ ކޮންމެ ހާލެއްގައި ވެސް ޒިކުރު ކުރުން މަތީ ދެމިހުންނަން މަސައްކަތްކުރަން ޖެހެ އެވެ. މަގުމަތިން ހިނގާފައި ދިޔަ ކަމަށް ވިޔަސް، ދުއްވާފައި ދިޔަ ކަމަށް ދިޔަސް އަދި ދުނިޔެވީ ކޮންމެ ކަމެއްގައި އުޅުނަސް ޒިކުރު ކުރުންމަތީ ދެމިހުރެވޭތޯ ބަލަން ޖެހެ އެވެ.

އެގޮތުން ޒިކުރުކުރުމުގެ ފައިދާތަކަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

1. ޝައިތާނާ ދުރުކުރުކޮށް، ޝައިތާނާ ނިކަމެތިކޮށްލުން
2. ﷲ ތަޢާލާ ރުހިވޮޑިގަތުން ލިބުން
‌‌3. ހާސްކަމާއި ކަންބޮޑުވުންތައް ހިތުން ފިލައިދިއުން
‌4. ހިތްހަމަޖެހި ހިތަށް އުފާވެރިކަން ލިބި ހިތަށް ފިނިކަން ލިބުން
‌‌5. ހިތާއި ޖިސްމު ވަރުގަދަވުން
‌‌6. ހިތާއި މޫނުގައި ނޫރެއް ލެއްވުން
‌‌7. ރިޒްޤު ތަނަވަސްވުން
‌‌8. ހައިބަތު ބޮޑުވެ، އީމާންކަމުގެ ފޮނިކަން ޙާސިލުވެ، މޫނުމަތި އުޖާލާވުން
‌‌9. ﷲ ގެ ލޯތްބާއި، މަލާއިކަތުންގެ ލޯތްބާއި، އަޅުތަކުންގެ ލޯބި ލިބުން
‌‌الوابل الصيب – ابن القيم
10. ގިނަގިނައިން ﷲ ތަޢާލާގެ ޒިކުރު ކުރުމުން، ﷲ އަބަދުވެސް ބައްލަވާވޮޑިގެންވާކަމާއި، އައްސަވާވޮޑިގެންވާކަމާއި، ދެނެވޮޑިގެންވާކަމާއި އިޙްސާސްކުރެވި، އިޙްސާންތެރިކަމުގެ ދަރަޖައަށް ވާސިލުވުން. (އެއީ ﷲ ތަޢާލާ ފެނިގެން ހުރެ އަޅުކަންކުރާ ފަދަ އިޙްސާސްކުރެވޭ ދަރަޖަ).
11. ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވުމަށް (އިނާބާވުމަށް) ތަރުބިއްޔަތުވުން. އަޅާއަށް ދިމާވާ ކޮންމެ ޙާލަތެއްގައި އޭނާގެ ހިތުގެ ޤިބްލައަކީ ﷲ ކަމުގައި ވެގެންދާނެއެވެ.
12. ﷲއާ ކުއްތަންވުން.
‌‌13. ޢިލްމާއި މަޢުރިފާގެ ދޮރު އެމީހަކަށް ހުޅުއްވައިދެއްވުން.
‌‌14. ﷲ ގެ ހައިބަތު އަޅާގެ ހިތުގައި ބޮޑުވެގެންދިއުން.
15. ﷲ ތަޢާލާ އެމީހެއްގެ ޒިކުރުކުރެއްވުން.
16. ހިތަށް ދިރުންލިބުން. މަހަށް ފެން ބޭނުންވާ ފަދައިން ހިތުގެ ދިރުމަށް ޒިކުރު ބޭނުންވެއެވެ.
17. ހިތާއި ރޫޙަށް ޒިކުރުން ކާނާލިބުން. ޒިކުރުނުކުރާ މީހެއްގެ މިޘާލަކީ ޖިސްމަށް ބޭނުންވާ ހަކަތަ ނުލިބޭ މީހެއްގެ މިޘާލު.
18. ހިތް ތޯހިރުވުން (ފާފައިގެ ދަމިލައިންނާއި، ހިތުގެ ނަފްސާނީ ބަލިތަކުން)
الوابل الصيب – ابن القيم
19. ފާފަތައް ފޮހެވިގެންދިއުން.
20. ﷲ އާއި އަޅާއާއި ދެމެދުގައިވާ ބީރައްޓެހިކަންނެތި، ގުޅުން ބަދަހިވެގެންދިއުން.
21. އަޅާއަށް ދިމާވާ ދަތިޙާލަތްތަކުގައި، އަޅާ ކޮށްފައިވާ ﷲ ގެ ޒިކުރުތައް، ﷲ ގެ ދަރުބާރުގައި އެއަޅަކަށްޓަކައި ވަކާލާތުކުރުން.
22. އުފާފާގަތިކަމުގެ ޙާލަތުގައިއްޔާއި، ދަތިޙާލަތުގައިވެސް އަޅާ ﷲ ތަޢާލާގެ ޒިކުރުކުރާނަމަ، އަޅާގެ ދަތިޙާލުގައި އަޅާގެ އަޑަކީ އުޑުތަކުގެ އަހުލުވެރިންނަށް (މަލާއިކަތުންނަށް) ބީރައްޓެހި އަޑަކަށްނުވުމުން، އެބޭކަލުންގެ އަޅާއަށްޓަކައި ވަކާލާތުކުރެއްވުން.
23. ﷲ ގެ ޢަޒާބުން މިންޖުވުން.
24. ޒިކުރުކުރާ އަޅާގެ ހިތަށް ހަމަހިމޭންކަން ބާއްވައިލެއްވި، ﷲ ގެ ރަޙްމަތް އަޅާ ވަށައިލެވި، މަލާއިކަތުން އަޅާ ވަށައިލައްވައިގެން ތިއްބެވުން.
25. ޒިކުރު ކުރުމުގައި އަޅާގެ ދޫ މަޝްޣޫލުވުމުން، އަޅާގެ ދޫ ޣީބަބުނުމާއި، ދޮގުހެދުމާއި، ފިތުނަފަސާދައިގެ ވާހަކަތައް ދެއްކުންފަދަ ފާފަތަކުގައި މަޝްޣޫލުވުމުން އެއްކިބާވުން.
26. ޒިކުރުގެ މަޖިލީހަކީ މަލާއިކަތުންގެ މަޖިލީހަކަށްވުމުން އޭގެ ބަރަކާތް ޙާސިލުވުން.
27. ﷲ ގެ ޒިކުރުގެ ސަބަބުން އަޅާއަށް ބާއްޖަވެރިކަން ޙާސިލުވުން.
الوابل الصيب – ابن القيم
28. ޤިޔާމަތްދުވަހުގެ ހިތާމައިން އަމާންވުން
29. އެކަހެރި ތަނެއްގައި ހުރެގެން ﷲ ތަޢާލާގެ ޒިކުރުކޮށް، ލޮލުން ކަރުނަ އެޅުމުން ޤިޔާމަތް ދުވަހުން ޢަރުޝީގެ ހިޔާވަހިކަން ލިބުން
30. ﷲ ތަޢާލާގެ ޒިކުރު ކުރުމުގައި މަޝްޣޫލުވާ މީހުންނަށް، ﷲ ތަޢާލާގެ އެންމެ މާތް ދެއްވުންތައް ދެއްވުން
‌‌31. ޒިކުރަކީ ކުޑަ ގުނަވަނަކުން، ލުއި ޙަރަކާތަކުންކުރެވޭ އެންމެ ފަސޭހަ، އެހެނަސް އެންމެ ދަރުމަބޮޑު އަޅުކަން
‌‌32. ﷲ ތަޢާލާގެ ޒިކުރުން ސުވަރުގޭގެ ބަގީޗާތަކުގައި ގަސްތައް އިންދި ޒީނަތްތެރިވެގެންދިއުން
الوابل الصيب – ابن القيم
ﷲ ތަޢާލާގެ ޒިކުރު ކުރުމުގެ ފައިދާތައް:
33. ﷲ ތަޢާލާގެ ޒިކުރުކުރުމުން ލިބޭހައި ގިނަގުނަ ފައިދާތައް އެހެން ކަމަކުން ޙާސިލުނުވުން
34. ﷲ ތަޢާލާގެ ޒިކުރުކުރާމީހާ، ﷲ ތަޢާލާ ހަނދުމަނައްތަވާލައްވާނެ އަބާއްޖަވެރިންގެ ތެރެއިން ނުވުން
الوابل الصيب – ابن القيم
35. ﷲ ތަޢާލާގެ ޒިކުރުކުރުމުން ސުވަރުގޭގެ ދަރަޖަތަކުން އެތައް ރާސްތާއެއް ފަސޭހަކަމާއިއެކީ ކަޑައްތުކުރެވުން.
36. ﷲ ތަޢާލާގެ ޒިކުުރުން އަޅާއަށް ނޫރު ލިބިގެން ދިއުން (ދުނިޔެއާއި، ކައްވަޅުގައްޔާއި، ޞިރާޠު މަގުގައި).
37. ﷲ ތަޢާލާގެ ޒިކުރު ގިނައިން ކުރުމުގެ ތައުފީޤް އަޅަކަށް ލިބުމަކީ، އެމީހަކަށްޓަކައި ﷲ ތަޢާލާ ހުޅުއްވާދެއްވާ މަތިވެރިވެގެންވާ ދޮރެއް. (ބޮޑުވެގެންވާ ނިޢުމަތެއް).
38. ﷲ ތަޢާލާގެ ޒިކުރުކުރުމުގެ ސަބަބުން މުދަލަކާއި ނުލައި މުއްސަދިކަން އިޙްސާސްވާނެ، ޢާއިލާއަކާއި ނުލައި ޢިއްޒަތްތެރިވާނެ، ބާރަކާއި ނުލައި ހައިބަތު ބޮޑުވާނެ.
39. ޒިކުރަކީ އަޅާގެ ހިތުގެ ޢަޒުމު ވަރުގަދަކޮށްދީ، ކަންބޮޑުވުންތައް ދުރުކޮށްދީ، އިބްލީހުގެ ލަޝްކަރު ބަލިކޮށްލާ، ދުނިޔެ ދުރުކޮށްލާ، އާޚިރަތް ގާތްކޮށްދޭނެކަމެއް.
الوابل الصيب – ابن القيم
40. ﷲ ތަޢާލާގެ ޒިކުރުކުރުމަކީ އަޅާގެ ހިތް ނިދިން ހޭލައްވާލާ ކަމެކެވެ. ޣަފްލަތަކީ ހިތުގެ ނިދުމެވެ.
41. ޒިކުރަކީ ޢިލްމާއި މަޢުރިފާގެ މޭވާ އަޅާ ގަހެކެވެ. ގަސް ބޮޑުވެ ވަރުގަދަވި މިންވަރަކަށް މޭވާ ގިނަވެ ފޮނިވެ މީރުވާނެއެވެ.
42. ﷲ ތަޢާލާގެ ޒިކުރުކުރާ މީހަކާއި އެކީ ﷲ ތަޢާލާ ވޮޑިގެންވާނެއެވެ.
43. ﷲ ތަޢާލާގެ ޒިކުރުކުރުމަކީ އަޅުން މިނިވަންކުރުމާއި، މުދާ ހޭދަކުރުމާއި، ﷲ މަގުގައި ޖިހާދުކުރުމާއި ޝަހީދުވުން ފަދަ އަޅުކަމެކެވެ.
الوابل الصيب – ابن القيم
44. ﷲ ތަޢާލާގެ ޒިކުރުކުރުމަކީ ﷲ އަށް ޝުކުރުއަދާކުރުމުގެ ތެރެއިންވާކަމެކެވެ. ޒިކުރަކީ ޝުކުރުގެ ކުރިބޯށްޓެވެ.
45. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތްކަން ބޮޑު ބަޔަކީ އެމީހުންގެ ދޫ ﷲ ގެ ޒިކުރުން ތެއްކޮށްފައި ބަހައްޓާ ތަޤްވާވެރިންނެވެ.
46. ﷲ ތަޢާލާގެ ޒިކުރުކުރުމަކީ ހިލަވެފައިވާ ހިތްތައް މަޑުކޮށްދޭނެ ކަމެކެވެ.
47. ﷲ ތަޢާލާގެ ޒިކުރުކުރުމަކީ ޝިފާއެކެވެ.
48. ﷲ ތަޢާލާގެ ޒިކުރުކުރުމަކީ ﷲ ގެ ވަލީވެރިއަކަށްވުމުގެ މަގެކެވެ.
الوابل الصيب – ابن القيم
49. ﷲ ތަޢާލާގެ ޒިކުރުކުރުމަކީ ނިޢުމަތްތަކުގެ ދޮރުތައް ހުޅުވި، ތަނަވަސްވެ، މުޞީބާތްތަކުގެ ދޮރުތައް ބަންދުވާނެ ކަމެއް.
50. ﷲ ތަޢާލާގެ ޒިކުރުކުރުމަކީ ﷲ އާއި، މަލާއިކަތްބޭކަލުންގެ ޞަލަވާތް އެމީހަކަށް ޙައްޤުވާނެކަމެއް.
51. ﷲ ތަޢާލާގެ ޒިކުރުކުރުމަށް އަޅާ ހުންނަ ވަގުތަކީ ސުވަރުގޭގެ ބަގީޗާއެއްގައި ހޭދަކުރާ ވަގުތެއް.
52. ﷲ ތަޢާލާގެ ޒިކުރުކުރުމަށް އަޅާ ހުންނަ ވަގުތު އޭނާ ވަށައިލައްވައިގެން މަލާއިކަތްބޭކަލުން ތިއްބަވާނެ.
53. ﷲ ތަޢާލާގެ ޒިކުރުކުރާ އަޅުންނާއިމެދު ﷲ ތަޢާލާ މަލާއިކަތްބޭކަލުންގެ ކުރިފުޅުމަތީގައި ފަޚްރުވެރިވެވޮޑިގަންނަވާނެ.
الوابل الصيب – ابن القيم
54. ﷲ ތަޢާލާގެ ޒިކުރު ގިނަގިނައިން ކުރާ އަޅުން ސުވަރުގެ ވަދެގެންދާނީ އެހެންމީހުންނާއި ޚިލާފަށް ހެމުން އުފާކުރަމުންނެވެ. (އެއީ އެބައިމީހުންނަށް ލިބޭ މަތިވެރި ދަރަޖައިގެ ސަބަބުންނެވެ).
55- ﷲ ތަޢާލާ ހުރިހާ އަޅުކަމެއް ޝަރުޢު ކުރައްވާފައިވަނީ އަޅާ އެއިލާހުގެ ޒިކުރުކުރުމަށްޓަކައެވެ.
56. އެކިއެކި އަޅުކަންތަކުގައި އެންމެ ފުރިހަމަ ޘަވާބު ލިބޭނެ ބަޔަކީ އެއަޅުކަމެއްގައި ﷲ ތަޢާލާގެ ޒިކުރު އެންމެ ގިނައިން ކުރާ ބަޔަކަށެވެ.
57. ﷲ ތަޢާލާގެ ޒިކުރުކުރުން ގިނަކުރުމީ ކުޅަދާނަކަން ނެތުމުގެ ސަބަބުން ޘަވާބު ހޯދައިނުގަނެވޭ އަޅުކަންތަކުގައި ކުރިއަރައިދާ މީހުންނާ ވާދަކޮށް އެމީހުންނަށްވުރެ ކުރިއަރައިދެވޭނެ މަގެކެވެ.
58. ﷲ ތަޢާލާގެ ޒިކުރު ގިނައިން ކުރުމީ އެއިލާހަށް ކިޔަމަންވުމަށް ލިއްބައިދޭނެ އެންމެ ބޮޑު ބާރެވެ.
59. ﷲ ތަޢާލާގެ ޒިކުރު ގިނައިން ކުރުމަކީ ދަތިކަންތައް ފަސޭހަކޮށްދޭނެ، ބުރަތައް ލުއިކޮށްދޭނެކަމެކެވެ.
الوابل الصيب – ابن القيم
60. ﷲ ތަޢާލާގެ ޒިކުރުކުރުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ހަކަތަ ލިއްބައިދޭނެކަމެއް.
ރަސޫލާ ﷺ ގެ ދަރިކަނބަލުން ފާތިމަތުގެފާނު އެކަމަނާގެ މަސައްކަތްޕުޅު ބުރަވެގެން ރަސޫލާ ﷺ އަރިހުން ޚާދިމަކަށް އެދިވަޑައިގަތުމުން ނިދުމުގެ ކުރިން ސުބުޙާނަﷲ 33 ފަހަރު، އަލްޙަމްދުލިﷲ 33 ފަހަރު، އަދި ﷲ އަކްބަރު 34 ފަހަރުކިޔުމަށް އިރުޝާދުދެއްވިއެވެ.
الوابل الصيب – ابن القيم
61. ﷲ ތަޢާލާގެ ޒިކުރުކުރުމަކީ ބިރުވެރިކަމުން އަމާންކަން ލިއްބައިދޭނެ ކަމެއް.
62. ﷲ ތަޢާލާގެ ޒިކުރު ގިނަގިނައިން ކުރާ މީހުންނަކީ ކުރިއަރައިދާނެބައެއް.
63. އަޅާ ﷲ ތަޢާލާގެ ޒިކުރުކުރުމަކީ، ﷲ ތަޢާލާ އަޅާގެ ޒިކުރު ތެދުކުރައްވާނެކަމެއް. ﷲ ތަޢާލާ އެމީހެއްގެ ބަސް ތެދުކުރައްވައިފިމީހަކު ދޮގުވެރިންނާއި އެކީ މަޙްޝަރުނުކުރެވޭނެ. އެމީހަކު މަޙްޝަރުކުރެވޭނީ ތެދުވެރިންނާއި އެކީ.
64- ﷲ ތަޢާލާގެ ޒިކުރަކީ ސުވަރުގޭގެ ގަނޑުވަރުތައް އޭގެއިން ބިނާވާ އެއްޗެއް.
65- ﷲ ތަޢާލާގެ ޒިކުރަކީ އަޅާއާއި ޖަހަންނަމައާއި ދެމެދުގައިވާނެ ހުރަހެއް.
الوابل الصيب – ابن القيم
66- ﷲ ތަޢާލާގެ ޒިކުރުކުރާ އަޅުތަކުންނަށް ފާފަފުއްސަވައިދެއްވުން އެދި މަލާއިކަތްބޭކަލުން ދުޢާކުރައްވާނެ.
67. ފަރުބަދަތަކާއި ބިންތައް ﷲ ތަޢާލާގެ ޒިކުރުކުރާ އަޅުތަކުންނާއި މެދު ފަޚުރުވެރިވެ އުފާކުރާނެ.
68. ﷲ ތަޢާލާގެ ޒިކުރު ގިނަގިނައިން ކުރުމަކީ ނިފާޤުކަމުން އަމާންވެ ބަރީއަވާނެކަމެއް.
69. ﷲ ތަޢާލާގެ ޒިކުރު ގިނަގިނައިން ކުރުމަކީ ހިތަށް ބުނެދޭންނޭނގޭހާ އުފާވެރި ލައްޒަތެއް ލިއްބައިދޭނެކަމެއް.
70. ﷲ ތަޢާލާގެ ޒިކުރު ގިނަގިނައިން ކުރާ އަޅާގެ މޫނު ދުނިޔެމަތީގައި އަލިވެ އުޖާލާވާނެ، އަދި އާޚިރަތްދުވަހުން މޫނުގައި ނޫރެއް ލެއްވޭނެ.
الوابل الصيب – ابن القيم
71. އެކިއެކި ތަންތަނުގައި ﷲ ތަޢާލާގެ ޒިކުރުކުރުމަކީ ޤިޔާމަތްދުވަހުން އެމީހަކަށްޓަކައި ހެކިދޭނެ ފަރާތްތައް ގިނަވާނެކަމެއް.
72. ﷲ ތަޢާލާގެ ޒިކުރުކުރުން ގިނަކުރުމަކީ ބާތިލު ވާހަކަތަކުންނާއި ދުލުގެ އެންމެހައި އާފާތްތަކުން ރައްކާތެރިވާނެކަމެއް.
73. ﷲ ތަޢާލާގެ ޒިކުރުކުރުމަކީ ޝައިތާނުން އެމީހެއްގެ ކިބައިން ދުރުވާނެ ކަމެއް.
الوابل الصيب – ابن القيم

* ﷲ ތަޢާލާގެ ޒިކުރުކުރުމުގެ ދަރަޖަތައް:

1. ހިތާއި ދުލުން އެކީގައި ޒިކުރުކުރުން. (މިފަދައިން ކުރެވޭ ޒިކުރަކީ އެންމެ މަތިވެރި ޒިކުރެވެ.)
2. ހިތުން އެކަނި ޒިކުރުކުރުން. (މިއީ ދެވަނަ ދަރަޖައެވެ.)
3. ދުލުން އެކަނި ޒިކުރުކުރުން. (މިއީ ތިންވަނަ ދަރަޖައެވެ).
الوابل الصيب – ابن القيم

ނޯޓް: މައުލޫމާތު، ޝެއިހް އަހުމަދު ރިމާޒް