Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ތުރުކީން ގެނައި ޑްރޯންތައް ޓެސްޓް ކުރަން ފަށައިފި

ރާއްޖެ އަށް ތުރުކީން ގެނައި ޑްރޯންތައް އުދުއްސަން ފަށައިފި އެވެ.

އެގޮތުން މީގެ ޑްރޯނެއް އުދުހޭ މަންޒަރު ފެންނަ ވީޑިއޯއެއް އޭވިއާޓާސް މޯލްޑިވްސް އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. އެ ޕޯސްޓްގައި ބުނެފައި ވަނީ އެމްއެންޑީއެފުން ގެނައި ޑްރޯނެއް މާފަރު ސަރަހައްދުގައި އުދުހެނީ ކަމަށެވެ.

ތުރުކީން ގެނައި ޑްރޯންތައް ބަހައްޓާފައި ވަނީ މާފަރު އެއާޕޯޓްގަ އެވެ. އެ ތަކެތި ގެނައި އެނގިފައިވާ ގޮތުގައި މި މަހުގެ 3 ގަ އެވެ. ނަމަވެސް ރަސްމީކޮށް މި ޑްރޯންތަކާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ތުރުކީއާ އެކީ ހަދާފައިވާ އެއްބަސްބުމެއްގެ ދަށުން ޑްރޯންތައް ގެނައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުން ކުރާނެ ވަސީލަތެއްގެ ގޮތުގަ އެވެ. ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި މަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އެހެން ބަޔަކަށް ބަރޯސާ ނުވެ، އަމިއްލަ އަށް ބަލަހައްޓަން ފަށާނެ އެވެ.

އެނގިފައިވާ ގޮތުގައި ޑްރޯންތައް މިހާރު މާފަރުގައި ޓެސްޓްކުރަމުން އަންނަ އިރު، ވަރަށް އަވަހަށް އެ ތަކެތި ހދ. ހަނިމާދު އަށް ގެންދާނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތުރުކީން ޑްރޯންތައް ހޯދާފައި ވަނީ 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުންނެވެ.