Last Updated: April 29, 08:58
Monday, April 29, 2024
ދުނިޔެ

"މޭން އިން ދަ އަޔަން ލަންގް" މަރުވެއްޖެ

ޕޯލިއާ ޖެހި ހަށިގަނޑުން އެއްކޮށްހެން ވާގިނެތުމާ ގުޅިގެން ބޯ ފިޔަވައި މުޅި ހަށިގަނޑު ސިލިންޑަރެއްގެ ތެރޭގައި އޮވެގެން ދިރިއުޅުނު "ދަ މޭން އިން ދަ އަޔަން ލަންގް" ގެ ނަމުން މަޝްހޫރުވި އެމެރިކާގެ ޕޯލް އެލެގްޒެންޑާ މަރުވެއްޖެ އެވެ.

އުމުރުން 78 އަހަރުގައި އޭނަ މަރުވީ މި މަހުގެ 11 ގަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޕޯލް އަށް ކޮވިޑް-19 ވެސް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެެ.

ޓެކްސްސަސް އަށް އުފަން ޕޯލްގެ މަރާ ގުޅިގެން އޭނަގެ ކޮއްކޮ ފިލިޕް އެލެގްޒެންޑާ ބުނީ ބޭބެ ވަކިވެ ދިއުމަކީ ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށެވެ. އެކަމަކު އޭނަ ވަކިވެ ދިޔައީ އުފާވެރި އެތަކެއް ހަނދާންތަކެއް ދޫކުރުމަށް ފަހު ކަމަށް ބުންޏެވެ.

"އާދަޔާހިލާފު ގޮތަކަށް މުޅި އުމުރުގައި އެއްކޮށް އުޅެން ޖެހުނަސް އަހަންނަށް ބޭބެ އަކީ ވަރަށް ނޯމަލް މީހެއް. އަދި މީހުންނާ ވަރަށް ގުޅޭ މީހުންގެ މައްޗަށް އުފާވެރިކަން ގެނެސްދިން މީހެއް،" ފިލިޕް ބުންޏެވެ. "އަދިކ ބޭބެ އަކީ ދިރިއުޅުމާ މެދު ވަރަށް އުންމީދީ ގޮތަކަށް ދެކުނު މީހެއް."

އުމުރުން އެންމެ ހަ އަހަރުގައި 1952 ގައި ޕޯލިއޯގެ ޝިކާރަކަށްވެ ކަނދުރާ އިން ތިރިކޮށް ވާގިނެތުނަސް ޕޯލް އަކީ ލާމަސީލު ނަމޫނާއެއް ދެއްކި މީހެކެވެ. އޭނަ ވަނީ ލޯ އިން ޑިގްރީ ވެސް ހާސިލުކޮށްފަ އެވެ. އަދި މި އަމިއްލަ ބައޮގްރަފީ ލިޔެ، ނެރުނެވެ. ދެހާސް ވިހީގައި ނެރުނު އެ ބައޮގްރަފީގެ ނަމަކީ "ތުރީ މިނިޓްސް ފޯ އަ ޑޯގް: މައި ލައިފް އިން އޭން އަޔަން ލަންގް" އެވެ.