ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭތިބުން ނުވަތަ "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށް ޤާނޫނުތައް އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި، ޝަރީއަތް ނިމެންދެންކުރާ ބަންދު ނުވަތަ "ވާނުވާ" އަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ވައުދާއި ގުޅޭގޮތުން އާންމުންގެ ފަރާތަކުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވާނުވާ މައްސަލަ ހައްލުކުރުމަކީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ.
މިމައްސަލަ ހައްލުކުރުމަށް ޤާނޫނީ ހައްލު ބޭނުންވާތީ ޤާނޫނުތަކަށް އަސްލާހު ގެނައުންފަދަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަހުގީގު މަރުހަލާގެ ކަންކަން މިހާރަށްވުރެއް ރަނގަޅުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ވާނުވާގެ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދޭނަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސްގެ ޖަވާބު
14 މާރިޗް 2024މ.މުލަކު، އޯޝަންލެޑް، ނަޝީދާ ޙަސަން، ޝަރީޢަތް ނިމެންދެންކުރާ ބަންދު ނުވަތަ "ވާނުވާ" އަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ވަޢުދާއިމެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/2oaB9SzU3M
— Government of Maldives (@governmentmv) March 14, 2024
ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބޭތިބުން ނިމުމަކަށް ގެނައުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތަޙްޤީޤަށް ހައްޔަރުކޮށްފައި "ވާނުވާ"ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފެބްރުއަރީ މަހު ފަށާނެ ކަމަށެވެ.