Last Updated: April 29, 00:08
Sunday, April 28, 2024
މުނިފޫހިފިލުވުން

"ޑޮން 3" ގެ ހާއްސަ ލަވައެެއްގައި ޖާންވީ

އޮގަސްޓް މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ފިލްމު "ޑޮން 3" ގެ ހާއްސަ ލަވައަކުން ޒުވާން ބަތަލާ ޖާންވީ ކަޕޫރް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ ޝާހްރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާއާ އެކީ ފަރުހާން 2006 ގައި ގެނެސްދިން "ޑޮން" ގައި ކަރީނާ ކަޕޫރް ހާއްސަ ފެނިލުމެއްގެ ގޮތުގައި ކުޅުނު "ޔޭ މެރަ ދިލް ޕިޔާރު ކާ ދީވާނާ" ސްޓައިލްގެ ލަވައެއް ކަމަށެވެ.

މި ލަވަ އަކީ "ޑޮން" ގެ އޮރިޖިނަލް ފިލްމު 1978 ގެ "ޑޮން" ގައި ހެލެންގެ ނެށުންތަކެއް ފެނިގެން ދިޔަ ލަވަ އެވެ. އެ ލަވަ ކިޔާފައި ވަނީ އާޝާ ބޯސްލޭ އެވެ. ނަމަވެސް ކަރީނާގެ ނެށުން ފެނިގެން ދިޔަ ލަވަ ކިޔާފައި ވަނީ ސުނީދީ ޗޯހަން އެވެ.

"ޑޮން 3" ގެ ހާއްސަ ލަވައަކުން ޖާންވީ ފެންނާނެކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، މި ފިލްމުގެ ބަތަލު ރަންވީރު ސިންގްއާ އެކީ ޖާންވީ ކުރިން ވެސް ލަވައެއްގައި ހިއްސާވެފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ހިމެނޭ "ހާޓްތުރޮބް" ލަވައިގަ އެވެ. އެ ލަވައިގައި ޖާންވީގެ އިތުރުން ސާރާ އަލީ ޚާނާއި އަނަންޔާ ޕާންޑޭ ވެސް ހިމެނެ އެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދެވާރާ"، "އުލާޖް"، "މިސްޓަ އެންޑް މިސިޒް މާހީ"، "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ އިތުރުން އަދި ނަން އިއުލާން ނުކުރާ ތެލެގޫ ފިލްމެއް ހުމެނެ އެވެ.

"ޑޮން 3" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. މި ފިލްމު އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.