Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

ރޭ އެކަނިވެސް މާލޭން 40 އުޅަނދެއް ޓޯ ކޮށްފި

ފޮޓޯ: ފުލުހުން

ޤަވައިދާ ޚިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތުގެ ތެރެއިން ރޭ އެކަނިވެސް މާލެއިން 40 އުޅަނދެއް ޓޯ ކޮށްފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ބަހައްޓާފައިހުންނަ އުޅަނދުތައް އަދި ގަވައިދާ ހިލާފަށް ޕާކުކޮށްފައިހުންނަ އުޅަނދުތައް ނެގުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގެ މަގުތަކުގައި ބަހައްޓާފައިވާ މިފަދަ އުޅަންދުތައް ނެގުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރޭ އެކަނިވެސް 40 އުޅަނދެއް މާލޭގެ މަގުމަތިން ނަގާފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި މިގޮތަށް ބަހައްޓާހުންނަ އުޅަނދުތައް ފުލުހުން އަންނަނީ ނަގަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން، މާލޭސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ބިމާއި އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީ، ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ހުރި ހުރަސްތަކުން އަރައިގަތުމެވެ.

މީގެއިތުރުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުން މީހުންގެ ފުރާނަ ގެއްލޭ މިންވަރު މަދުކުރުމަށާއި ނުރައްކަލަށް ހުށަހެޅޭ ފަރާތްތައް މަދުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމެވެ.