Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

ހަންކެޑެ ޕްރޮޖެކްޓް ފަށަން މޮބިލައިޒް ވަނީ

އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫ ހަންކެޑެ ތަރައްގީ ކުރަން ތައްތާރުވަމުން އަންނަ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެ ޕްރޮޖެކްޓަށް ކޮންޓްރެކްޓަރު މޮބިލައިޒްވާން ފަށާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ހަންކެޑެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އެވެ. އެ ކުންފުނީގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް ކައުންސިލާއާ އެކީ އިއްޔެ ވަނީ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މޭޔަރު އަލީ ނިޒާރު މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އެ ޓީމުގެ މި ދަރުތަކީ މައިގަނޑު ގޮތެއްގައި ސައިޓް ބަލާލަން ކުރި ދަތުރެއް ކަމަށެވެ. އަދި މިދިޔަ އަހަރު ހަންކެޑެ ތަރައްގީކުރަން ވެފައި އޮތް އެއްބަސްވުމާ ގުޅޭ ގޮތުން މިހާރުގެ ސަރުކާރާ އިތުރަށް މަޝްވަރާކޮށް، ސަރުކާރާ އެކީ ރަސްމީކޮށް އެއްބަސްވުމެއް ހަދަން ނިންމާފައިވާކަން ސީއެންއީސީސީގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"އެހެންވެ އަންނަ މަހުގެ ތެރޭގައި ކުންފުނިން އަމަލީ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން މޮބަލައިޒްވާން ފަށާނެ ކަމަށް ބުނެފައިވޭ." ނިޒާރު ވިދާޅުވި އެވެ.

ހަންކެޑެ ތަރައްގީ ކުރަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އާއި ސީއެންއީސީސީއާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ. އެތަން ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރިއާ އެކީ ޓޫރިޒަމާ ގުޅުން ހުރި ވަރަށް ގިނަ ވަސީލަތްތައް ގާއިމުކުރާނެ އެވެ. ލިންކް ރޯޑުން މަރަދުއާ ގުޅިފައި އޮންނަ ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަނެކެވެ. އެގޮތަށް ނިންމީ ޑިސެމްބަރު 2، 2021 ގަ އެވެ.

ޓޫރިޒަމަށް ހާއްސަކޮށްގެން ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވާތީ އެ ރަށާއި ގައުކެނޑިއާ ދެމެދު އޮތް ބްރިޖު ބަދަލުކުރުމަށްޓަކައި އެ ސަރަހައްދުން މިހާރު އަންނަނީ އިތުރު ބްރިޖެއް އަޅައި މަރަދޫގެ ބޮޑު މަގާ ދިމާލުން ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ އެފްކޮންސް އިން ކުރިއަށް ގެންދާ އެ މަސައްކަތުގެ ވަރަށް ބޮޑު ބައި މިހާރު އޮތީ ނިމިފަ އެވެ.

ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި އިތު އެތަނުގެ ކޮންސެޕްޓް ޑިޒައިން އެމްއެމްސީން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދައްކާލާފައިވެ އެވެ.