ރިޔާސީ އިންތިހާބު އަދި ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން، ނިމިދިޔަ 2023 ވަނަ އަހަރު ގިނަ ޝަކުވާތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުނު ކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓްގައި ފާހަގަ ކޮށްފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާގޮތުން 2020 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް ބަލާއިރު އޭސީސީއަށް އެންމެ ގިނަ އަދަދަކަށް ޝަކުވާ ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުއެވެ. 2020 ވަނަ އަހަރު އެ ކޮމިޝަނަށް 857 ޝަކުވާ ހުށަހަޅާފައިވާއިރު، 2021 ވަނަ އަހަރު 758 ޝަކުވާ، 2022 ވަނަ އަހަރު 758 ޝަކުވާ އަދި 2023 ވަނަ އަހަރު ވަނީ 1151 ޝަކުވާ ހުށަހަޅާފައެވެ.
"މިއަހަރު [2023] ކޮމިޝަނަށް ހުށަހެޅުނު ޝަކުވާ އިތުރުވެފައިވަނީ ރިޔާސީ އިންތިޚާބު 2023 އާއި ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރި ފްލެޓްތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް ކޮމިޝަނަށް ހުށަހެޅިފައިވާތީއެވެ." އޭސީސީގެ އަހަރީ ރިޕޯޓުގައި ފާހަގަ ކޮށްފައިެވއެވެ.
އޭސީސީން ބުނެފައިވަނީ ހުށަހެޅި ޝަކުވާތަކުގެ ތެރެއިން ގިނަ ޝަކުވާތަކަކީ ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅުނު ޝަކުވާތަކެއް ކަމަށެވެ.
އޭސީސީން ބުނެފައިވަނީ 2023 ވަނަ އަހަރު ހުށަހެޅި 1151 ޝަކުވާގެ ތެރެއިން ރަޖިސްޓްރީ ކުރެވުނީ ޖުމުލަ 742 ޝަކުވާއެއް ކަމަށެވެ. އޭގެތެރެއިން 610 މައްސަލައަކީ އަމިއްލަ ފަރާތްތަކުން ހުށަހެޅި މައްސަލަ ކަމަށާއި 40 މައްސަލައަކީ ދައުލަތުގެ އެކި އިދާރާތަކުން ހުށަހެޅި މައްސަލަ ކަމަށެވެ. އަދި ކޮމިޝަންގެ އިސްނެގުމަށް 16 މައްސަލައެއްވެސް ބަލާފައިވެއެވެ.
އޭސީސީން ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ގޯތިގެދޮރާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން ގޯތިގެދޮރާ ގުޅުންހުރި 216 މައްސަލައެއް ރަޖިސްޓްރީ ކުރިއިރު، ޕްރޮކިއުމަންޓާ ގުޅުންހުރި 155 މައްސަލަ، ދައުލަތުގެ ފައިސާ/ތަކެތި ބޭނުންކުރުމާ ގުޅުންހުރި 112 މައްސަލަ، ވަޒީފާއާ ގުޅޭ 65 މައްސަލަ އަދި އިންތިޚާބު/ކެމްޕޭނުތަކާ ގުޅުންހުރި 64 މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވެއެވެ.