އެކި މައްސަލަތަކާ ގުޅިގެން ދައުލަތަށް އަނބުރާ ހޯދުމަށް އެދުނު ފައިސާގެ ތެރެއިން ހޯދުނީ އެންމެ 2 ލައްކަ ރުފިޔާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އެކޮމިޝަނުން ބުނެފައިވަނީ، ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާ ހޯދުމަކީ ޤާނޫނުން ކޮމިޝަނަށް ލާޒިމުކުރާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ކޮމިޝަނުން އަންގާ އެންގުންތަކާ އެއްގޮތަށް ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ލިބޭކަން ކަށަވަރުކުރުމަށްޓަކާ، އޭސީސީގެ އެންގުންތަކުގެ ފޮލޯއަޕް ހެދުމަކީ އެ ކޮމިޝަނުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރު 15 މައްސަލައެއްގައި ހިމެނޭ ޖުމުލަ 74،159،720.53 ރުފިޔާގެ ދައުލަތަށް އަނބުރާ ހޯދުމަށް ނިންމާފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި މީގެތެރެއިން ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައިވަނީ 50،370،521.75 ރުފިޔާކަންވެސް ފާހަގަކޮށްފައިވެއެވެ. އޭސީސީން ބުނެފައިވަނީ އޭގެތެރެއިން އެއްވެސް ފައިސާއެއް ދައުލަތަށް ލިބިފައިވޭތޯ ނުވަތަ އެ ފައިސާ ހޯދުމަށް ކަމާގުޅުންހުރި އިދާރާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތް ދެނެގަތުމަށް ފޮލޯއަޕް ހެދިފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލަތަކުން ދައުލަތަށް ހޯދަންޖެހޭ ފައިސާގެ މިހާތަނަށް ހޯދިފައިވަނީ އެންމެ 234،531.57 ރުފިޔާ ކަމަށް އޭސީސީގެ އަހަރީ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
2020 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައިވާ ފައިސާގެ އަދަދުތަކަށް ބަލާއިރު 2020 ވަނަ އަހަރު 14.8 މިލިއަން ރުފިޔާ، 2021 ވަނަ އަހަރު 2.1 މިލިއަން ރުފިޔާ، 2022 ވަނަ އަހަރު 35.3 މިލިއަން ރުފިޔާ އަދި 2023 ވަަނަ އަހަރު 50.3 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެދިފައިވެއެވެ.