Last Updated: April 29, 00:08
Sunday, April 28, 2024
މުނިފޫހިފިލުވުން

އަޖޭގެ "ޝައިތާން" ވަރަށް ކާމިޔާބު

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އަޖޭ ދޭވްގަންގެ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

ސިހުރާއި ހާހޫރައިގެ ސަބަބުން އާއިލާއަކަށް ދިމާވާ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަށް އިއްޔެއާ ހަމައަށް އިންޑިއާގެ ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ މިހާރު ވަނީ 75.78 ކްރޯޑް ރުޕީސް (9.15 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. އިންޑިއާގެ އިން ބޭރުގެ މާކެޓްތަކާ އެކީ "ޝައިތާން" މިހާތަނަށް ޖުމްލަ 107.59 ކްރޯޑް ރުޕީސް (13 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

ވިކާސް ބާލް ޑައިރެކްޓްކުރި ފިލްމު ހަދާފައި ވަނީ 65 ކްރޯޑް ރުޕީސް (8 މިލިއަނ ޑޮލަރު) ގެ ބަޖެޓަކުންނެވެ.

"ޝައިތާން" ރިލީޒްކުރުމުގެ ކުރިން ވެސް މި ފިލްމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ދިޔައީ ލަފާކުރަމުންނެވެ. ސަބަބަކީ ފިލްމުގެ ޓްރެއިލާ ވެސް ބެލުންތެރިިންނަށް ވަރަށް ކަމުދިއުމާއ އަޖޭ ފަދަ ބޮލީވުޑްގެ އޭ-ލިސްޓް ތަރިންނަކީ ސުޕަނެޗްރަލް ތުރިލާތަކާ ވަރަށް ދުރު ބަޔަކަށްވުމުން، އަޖޭ މި ޖޯންރާ އަށް އިންސާފުކޮށް ދީފައިވާ ގޮތް ބަލައިލަން ގިނަ ބަޔަކު ޝައުގުވެރިވުމެވެ.

ޝައިތާން" ރިވިއުތައް ވެސް ވަރަށް ޕޮޒިޓިވް އެވެ. އެގޮތުން ފިލްމު ވަރަށް ޝައުގުވެރިކަން ފާހަގަކޮށް، ހުރިހާ ކާސްޓުންގެ އެކްޓިން ވެސް ވަރަށް މޮޅު ކަމަށް ގިނަ ކްރިޓިކުން ފާހަގަކޮށްފައިވެ އެވެ. "ޝައިތާން" ގެ ކާސްޓްގައި ޖޯތިއާ އާއި އާރް މާދުވަން ފަދަ ތަރިން ހިމެނެ އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ މާދަމާ ސިދާތު މަލްއުތުރާގެ އެކްޝަން ތުރިލާ "ޔޯދާ" ގެ އިތުރުން "ބަސްޓަރު" ކިޔާ އުންމީދީ ފިލްމުތަކެއް ރިލީޒްކުރާތީ، އެ ފިލްމުތަކުގެ ވިޔަފާރީހެ ހިޔަނި "ޝައިތާން" އަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.