Last Updated: May 19, 16:05
Sunday, May 19, 2024
ޚަބަރު

މި ސަރުކާރުން ގުރުއާނުގެ އަޑު ކަނޑުވައެއް ނުލާނެ

މި ސަރުކާރުން ގުރުއާނުގެ އަޑު ކަނޑުވައެއް ނުލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ މި ސަރުކާރުން މިސްކިތްތަކުގެ އަޑު ކަނޑުވާލާފައިވާ ކަމަށް ބުނެ އިސްލާމިކް މިނިސްޓަރުގެ އިސްތިއުފާ އަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގޮވާލުމާ ގުޅިގެންނެވެ.

މަލީހުގެ ވާހަކަތަކާ ގުޅިގެން ޝަހީމް ވިދާޅުވީ މަލީހު މާތްﷲ އަށް ބިރުވެރިވާންޖެހޭ ކަމަށާއި އުމުރެއް ހޭދަކޮށްލަނީ މީހުންނާއި ފޮށުމާއި ދޮގު ފެތުރުމުގައި ކަމަށެވެ. މި ސަރުކާރުން އިސްލާމް ދީން މަތިވެރިކުރަން ކުރާ މަސައްކަތްތަކަށް ރައްޔިތުން ހެކިވާނެ ކަމަށާއި މި ސަރުކާރުން ގުރުއާނާއި މިސްކިތްތަކުގެ އަޑު ކަނޑުވާ ނުލާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ދާދިފަހުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއީލް (އިބްރާ) ވަނީ ގެކައިރި ހުރި މިސްކިތުގައި ނަމާދު ކުރާއިރު ބޭރަށް އަޑު ދީފައި ހުރުމުން ގޭގައި ތިބެގެން ނަމާދު ކުރަން އުނދަގޫ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިބްރާގެ ޝަކުވާތަކާ ގުޅިގެން ޝަހީމް ވިދާޅުވީ ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެ އަށް އަޑު ހުންނަ ގޮތަށް ކުރުން ރަނގަޅު ކަމަށެވެ. އަދި ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ގެންދިއުން ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ ނަމާދަށް ބަންގި އާއި ގަމަތް ދޭ އިރު ބޭރަށް އަޑު ހުއްޓަސް އެންމެ ރަނގަޅު ކަމަށެވެ.