Last Updated: May 3, 11:12
Friday, May 3, 2024
ކުޅިވަރު

ކުއާޓާގައި ރެއާލް-ސިޓީ އަދި ބަޔާން-އާސެނަލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކާއި އާސެނަލް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ކުއާޓާގެ އަނެއް ދެ މެޗުގައި ވާދަކުރާނީ ބާސެލޯނާ އާއި ޕީއެސްޖީ އަދި އެތްލެޓިކޯ މެޑްރިޑާއި ބްރޫޝިއާ ޑޯޓްމަންޑެވެ.

ސިޓީ އާއި ރެއާލް މިދިޔަ ދެ ޗެމްޕިއަންސް ލީގުގައި ވެސް ވަނީ ބައްދަލުކޮށްފަ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ ސިޓީން ކަމަށްވާއިރު އެޓީމު ވަނީ ސެމީފައިނަލްގައި ރެއާލް މުބާރާތުން ކަޓުވާލާފަ އެވެ. އޭގެ ކުރީ އަހަރު ރެއާލުން މުބާރާތް ކާމިޔާބު ކުރިއިރު، އެޓީމުން އެފަހަރު ސެމީގައި ވަނީ ސިޓީ ބަލިކޮށްފަ އެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މި ދެ ޓީމުގެ ކުރިމަތިލުމުގެ ފުރަތަމަ ލެގު އޮންނާނީ ރެއާލްގެ ދަނޑުގަ އެވެ.

އާސެނަލް އާއި ބަޔާން ވަނީ ޗެމްޕިއަންސް ލީގުގައި 12 މެޗު ކުޅެފަ އެވެ. އޭގެތެރެއިް ހަތް މެޗުން ބަޔާން މޮޅުވިއިރު އާސެނަލް މޮޅުވީ ތިން މެޗުންނެވެ. މުބާރާތުގެ ކުއާޓާ އިން އާސެނަލް މިފަހަރު ޖާގަ ހޯދީ 14 އަހަރަށްފަހު އެވެ.

ސެމީ ފައިނަލް މެޗުތަކަށް ބަލާއިރު، ބަޔާން އާއި އާސެނަލް މެޗުން މޮޅުވާ ޓީމެއް ސެމީގައި ކުޅޭނީ ރެއާލް އާއި ސިޓީ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. އަނެއްކޮޅުން، ޑޯޓްމަންޑާއި އާއި އެތުލެޓިކޯ ކުޅެގެން މޮޅުވާ ޓީމެއް ސެމީގައި ބައްދަލުކުރާނީ ޕީއެސްޖީ އާއި ބާސެލޯނާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 9 އަދި 10 ގައެވެ. ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 16 އަދި 17 ގަ އެވެ.